23 Jun 2017, 19:23
ސީރިއާގެ އަވަށެއްކަމުގައިވާ ދޫމާގައި މުސްލިމުން ރޯދަވީއްލުމަށް ޖަމާވެފައި ތިއްބާ ނަގާފައިވާ ފޮޓޯތަކެއް މުޅިދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
ސުންނާފަތިވެފައިވާ ގެތަކާއި ގެއްލުންލިބިފައިވާ މަގުތަކުގެ މެދުގައި މޭޒުތަައް ބަހައްޓައިގެން ރޯދަ ވީއްލުމަށް ކާތަކެތި އަތުރާލާފައިވާ މަންޒަރުން ދެންފެނިގެންދަނީ ބަންގީގެ އަޑަށް އިންތިޒާރުކުރަމުން ގެންދާ ބޮޑެތިމީހުންނާއި ކުޑަ ކުދިންތަކެކެވެ. އެކުދިންގެ މޫނުމަތިން ހިނިތުންވުމުގެ އަސަރުތައް ފެނެއެވެ.
މިއީ އެގައުމަށް ނިސްބަތްވާ އަދެލާ ފައުންޑޭޝަންގެ ފަރާތުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދިޔަ ރޯދަވީއްލުމެކެވެ. އެފައުންޑޭޝަނުން ބުނާގޮތުތައި ފިތުރު ޢީދާ ޖެހެންދެން މިފަދައިން ރޯދަ ވީއްލުންތައް ސީރިޔާގެ ރައްޔިތުންނަށްޓަކައި ބާއްވާނެއެވެ.
"އާންމުގޮތެއްގައި މިފަދަ ކަމެއް ރާވައި ބޭއްވުމުގައި އަހަރެމެން ވަރަށް ސަމާލުވާން ޖެހޭ. ސަބަބަކީ ވައިގެ ހަމަލާތަކުގެ ސަބަބުން މީހުންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށް ނަމަވެސް އަހަރެމެން މިދަނީ ދާދިފަހުން އެއްބަސް ވެވުނު ހަމަލާތައް މަޑުޖައްސާލުމުގެ އެއްބަސްވުމުގެ ފުރިހަމަ ފައިދާ ނަގަމުން،" އަދެލާ ފައުންޑޭޝަންގެ އޮފިޝަލަކު ބީބީސީއަށް ކިޔައިނިނެވެ.

ރޯދަ ވީއްލުމަށް އެއްވެފައިތިބި ކުޑަކުދިންގެ މޫނުމުތިން ހިނިތުންވުމުގެ އަސަރު ފެންނަން ހުރި --- ފޮޓޯ: ސީއެންއެން
ރަޝިޔާ، އީރާން އަދި ތުރުކީއާ ދެމެދު މިދިޔަ މަހު ވެވުނު އެއްބަސްވުމުގެ ދަށުން ސީރިޔާގައިވަނީ ހަތަރު "ސޭފް ޒޯން"އެއް ކަނޑައަޅާފައެވެ. އެއްބަސްވެފައި ވަނީ އެ ޒޯންތަކުގައި އެއްވެސްގޮތަކަށް ހަމަލާތައް ނުދިނުމަށެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މިފޮޓޯތައް މިހާރުވަނީ ދުނިޔޭގެ އެތައްބައެއްގެ ސަމާލުކަމަށް އައިސްފައެވެ.
I don't know how emotionally confused I would be if I were in shoes of anyone inside..Life despite death today in Douma,#DamasSuburb,#Syria.pic.twitter.com/UW4sl90zvh
— Enas (@EnasN_)June 19, 2017
ސީރިއާގައި ކުރިޔަށްދާ ދާހިލީ ހަމަނުޖެހުމުގައި އެތައްބައެއްގެ ފުރާނަ ގެއްލި އެތައް އަވަށްތަކެއްވަނީ ސުންނާފަތިވެފައެވެ. އޭގެތެރޭގައި ދޫމާވެސް ހިމެނެއެވެ.