23 Jun 2017, 16:04
އދގެ ސެކްރެޓެރަޓީ ޖެނެރަލް އައްޔަނުކުރައްވާ ޒުވާނުންގެ މަންދޫބުގެ މަގާމަށް އަވަށްޓެރި ސްރީލަންކާއަށް ނިސްބަތްވާ ޒުވާނަކު ހަމަޖައްސައިފިއެވެ.
ސެކްރެޓަރީ ޖެނެރަލްސް ޔޫތު އެންވޯއީ އޮން ޔޫތުގެ މަގާމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އައްޔަނުކުރެއްވީ ސްރީލަންކާގެ ޖަޔަތުމާ ވިކްރަމަނަޔަކަ ޑަޔަސްއެވެ. ޖަޔަތުމާ ވިކްރަމަނަޔަކައަކީ އެންވޯއީ އޮން ޔޫތުގެ މަގާމު ފުރުއްވާ ދެވަނަ ޒުވާނެވެ. އަދި އެ މަގާމު ފުރުއްވާ އެންމެ ފުރަތަމަ އަންހެން ޒުވާނާއެވެ. އަދި އުމުރުން 27 އަހަރުގެ ޖަޔަތުމާއަކީ އދގެ ތާރީޚުގައިވެސް، އެ ޖަމިއްޔާއަށް އައްޔަނުކުރެވި، އެތަނުގައި މަސައްކަތް ކުރާ އެންމެ ޒުވާން ސީނިއަރ އޮފިޝަލެވެ.
ސެކްރެޓަރީ ޖެނެރަލްގެ ޒުވާނުންގެ މަންދޫބުގެ މަގާމު އުފެއްދީ އދގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންގެ ޒައާމަތުގައި، 2013 ވަނަ އަހަރުއެވެ. އެ މަގާމު އުފެއްދެވުމަށްފަހު އެ މަގާމަށް އެންމެ ފުރަތަމަ އައްޔަނުވެގެން ދިޔައީ އުރުދުންއަށް ނިސްބަތްވާ ޒުވާނެއް ކަމުގައިވާ އަހްމަދު އަލް ހިންދާވީއެވެ.

އދގެ ފުރަތަމަ އެންވޯއީ އޮން ޔޫތު، އުރުދުންގެ އަހްމަދު އަލް ހިންދާވީ --
ޖަޔަތުމާ މިވަގުތު ވަޒީފާ އަދާކުރައްވަނީ ސްރީލަންކާގެ ސިވިލް ސާވިސް އޮފީސް "ސްރީލަންކާ އެޑްމިނިސްޓްރޭޓިވް ސާވިސް"ގައެވެ. މީގެ އިތުރުން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އަމީން އާންމުގެ ސެކްރެޓަރީގެ މަގާމުވެސް ޖަޔަތުމާ ވިކްރަމަނަޔަކަ ވަނީ އަދާކުރައްވައިފައެވެ. މީގެ އިތުރުން ޖަޔަތުމާ ވަނީ ޒުވާނުން ސިޔާސީ އަދި މަދަނީ ހަރަކާތްތަކުގައި ހަރަކާތްތެރިކޮށް، ބާރުވެރިކުރުވުމަށް "ހޭޝްޓެގް ޖެނެރޭޝަން"ގެ ނަމުގައި ހަރަކާތެއް ހިންގައިފައެވެ.
އދގެ ޒުވާނުންގެ މަންދޫބުގެ މަސައްކަތް ބިނާވާ ހަތަރު އަސާސަކީ ބައިވެރިވުމާއި، އެޑްވޮކަސީއާއި، ޕާޓްނަޝިޕްސްގެ އިތުރުން ސުލްހަވެރިކަމެވެ. މަންދޫބުގެ މަސައްކަތުގެ ހަތަރު އަސާސުން ކުރެ ކޮންމެ އަސާސެއްގެ މަގްސަދުތައް ހާސިލުކުރުމަށް ލަނޑުދަނޑިތަކަކާއި ހަރަކާތްތަކެއް ރޭވިގެން ހިންގައެވެ.
މަގާމު ލިބުމާ ގުޅިގެން ޖަޔަތުމާ ވިކްރަމަނަޔަކަ ވިދާޅުވީ އޭނާއަކީ ކުރިއަރަމުން އަންނަ އިގްތިސާދަކާއި، ސަގާފީ ވައްޓަފާޅިއަކަށް ދިރިއުޅޭ ރައްޔިތުންތަކެއް އުޅޭ، އިންޑިއާ ކަނޑުގެ ކުޑަކުޑަ ގައުމަކުން އަންނަ އަންހެނެއް ކަމަށާއި، އޭނާގެ އަތުގައި އޮތް ހަމައެކަނި ހަތިޔާރަކީ ޒުވާނުން ބާރުވެރިކުރުވުމަށް އޭނާގެ ހިތުގައި އުފެދިފައި އޮތް ޝައުގު ކަމަށެވެ.

ޖަޔަތުމާ ވިކްރަމަނަޔަކަ، އދގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންއާ އެކު --
އޭނާ ވިދާޅުވީ އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންގެ ބައިވެރިވުމާ އެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އަދި ދަތި ހާލުގައި އުޅޭ ޒުވާނުންގެ ވެސް ބައިވެރިވުން ހޯދައި، ހަމަނުޖެހުން ނައްތާލުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ސްރީލަންކާގައި މީގެ ކުރިން ހަމަނުޖެހުން ހިނގާފައިވާ ސަރަހައްދުތަކުގައި އަޅުގަނޑު މަސައްކަތް ކޮށްފައި ވާތީ، މިކަންކަން ކުރުމަށާއި ދެނެގަތުމަށް އަޅުގަނޑަށް އިތުރަށް ފަސޭހަވާނެ ކަމަށް ދެކެން،" މަގާމު ލިބުމާ ގުޅިގެން ޖަޔަތުމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ޒުވާނުންގެ މަންދޫބުގެ މަގާމާ ޖަޔަތުމާ ރަސްމީކޮށް ހަވާލުވެލައްވާނެ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.