23 Jun 2017, 14:51
ގއ. ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ދީދީގެ ސައިކަލްގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު 12 ދުވަހަށް އިތުރުކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ ފަތިހު 5:00 އެހައިކަންހާއިރު ކަނޑުހުޅުދޫ މިސްކިތުގެ ބޭރު ދޮރާށި ކައިރީ ޕާކްކޮށްފައި ހުއްޓައި އެ ސައިކަލްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އެ ދެ މީހުންގެ ބަންދަށް 12 ދުވަސް އިތުރުކުރީ ބަންދާމެދު ގޮތެއް ނިންމަން އެއަތޮޅު ގެމަނަފުށީ ކޯޓަށް ހާޒިރުކުރުމުންނެވެ.
ހަސަންދީދީގެ ސައިކަލްގައި ރޯކޮށްލި އަލިފާންގަނޑު ފެތުރިގެންގޮސް ޖެހިގެން ހުރި އެރަށު ސްކޫލްގެ ލީޑިން ޓީޗަރު އަޝްރަފް އަބްދުﷲގެ ސައިކަލްގެ އެއްބައިވެސް ވަނީ އަނދާފައެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ހަސަންދީދީގެ ސައިކަލްގައި ދެ މީހަކު ރޯކޮށްލި މަންޒަރު ފަތިސްނަމާދުކޮށް ނިމިގެން މިސްކިތުން ފޭބި މީހަކަށް ވަނީ ފެނިފައެވެ. އަދި އޭނާ ވަނީ ސައިކަލްގައި ރޯކޮށްލި ދެ މީހުންނާ ދެކޮޅަށް ފުލުހުންގެ ތަހުގީގަށް ބަޔާންދީފައެވެ.
އެ ދެ މީހުން ހައްޔަރުކުރުމާ ގުޅިގެން އެކަމާ ނުރުހުންފާޅުކޮށް ބަޔަކު ވަނީ މެޖިސްޓްރޭޓްގެ ގެކައިރިއަށް ރޭ އެއްވެ އަޑުގަދަކޮށްފައެވެ.