16 Jul 2011, 17:32
ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ސިޔާސަތު ކަނޑައެޅުމާއި ސްޓްރެޓެޖީ އެކަށައަޅަން ދަސްކޮށްދޭ ކޯހެއްގައި ޑިފެންސް މިނިސްޓްރީން މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ. މިނިސްޓްރީން މިއަދު ބުނީ މާސްޓަރ އޮފް އާޓްސް އިން ސެކިއުރިޓީ ސްޓަޑީޒް )ކޮމްބެޓިން ޓެރަރިޒަމް ޕޮލިސީ އެންޑް ސްޓްރެޓެޖީ( ކޯހުގެ ހުރިހާ ހަރަދެއް ކުރާނީ އެމެރިކާ ސަރުކާރުންނެވެ.
އަންނަ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހު ފަށާ ކޯސް ކުރިއަށް ދާނީ 15 މަސްދުވަހަށް ކަމަށާއި ކިޔަވައިދޭން ހަމަޖެހިފައިވަނީ އެމެރިކާގެ ކެލިފޯނިއާގެ މޮންޓްރޭގައި ހުންނަ ނޭވަލް ޕޯސްޓް ގްރެޖުއޭޓް ސްކޫލްގައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ދެކުނު އޭޝިޔާ ސަރަހައްދުން ދަރިވަރުން ނަގާގޮތަށް އެމެރިކާއިން ދީފައިވާ އެ ކޯހުގައި ބައިވެރިވުމުގެ ފެންވަރަކީ މިލިޓަރީ އެކަޑަމީއަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައި ވުމާ އެކު އިނގިރޭސި ބަސް ރަނގަޅު ފެންވަރަކަށް އެނގުމެވެ.
އެމްއެންޑީއެފްގެ މީޑިޔާ ކޯޑިނޭޓަރު ލެފްޓިނެންޓް އަބުދުﷲ އަލީ ވިދާޅުވީ އެމެރިކާއިން ދޭ މިފަދަ ކޯސްތަކުގައި ދިވެހި ދަރިވަރުންނަށް ފަސޭހައިން ފުރުސަތު ލިބޭ ކަމަށާއި މިހާރުވެސް އެމެރިކާގައި އެތައް ކުދިންނެއް ކިޔަވަމުން ދާކަމަށެވެ.
ކޯހުގައި ބައިވެރިވާން ނަން ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 19 ވަނަ ދުވަހެވެ.