17 May 2010, 10:19
14:30
ތައިލެންޑް ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާ ފަރާތްތަކުގެ އެންމެ އިސް އަސްކަރީ ސްޓްރެޖަޓިސްޓް ކަމަށްވާ މޭޖާ ޖެނެރަލް ޚައްތިޔާ ސަވަސްދިޕޯލްގެ ބޮލަށް ބަޑިޖެހުމުގެ ސަބަބުން ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.
ބެންކޮކްގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔަކު މައުލޫމާތުދިންގޮތުގައި ސަވަސްދިޕޯލް އަށް ހަމަލާ ދީފައިވަނީ މުޒާހަރާ ކުރަމުންދާ ސަރަހައްދުގައި މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ދަނިކޮށެވެ. އަދި ސަވަސްދިޕޯލްގެ މަރަކީ މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މިކަމުގެ ސަބަބުން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އޮތް ރުޅިވެރިކަން އިތުރުވެ ތައިލެންޑް ސިފައިންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު އިތުރު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ވެސް އޭނާ ބުނެ އެވެ.
ސަވަސްދިޕޯލް އަކީ ސަރުކާރާ ދެކޮޅަށް އަސްކަރީ ބާރެއް އުފައްދާފައިވާ މީހެއް ކަމަށްބުނެ ތައިލެންޑް ސަރުކާރުން އޭނާ ސިފަކޮށްފައިވަނީ ކުށްވެރިޔެއްގެ ގޮތުގަ އެވެ. އެހެންކަމުން ސަވަސްދިޕޯލް މަރާލުމަކީ މިއީ ތައިލެންޑް ސަރުކާރުން ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަނެއްކޮޅުން އ.ދ މެދުވެރިވެގެން ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ހުށަހެޅުމަށް ތައިލެންޑް ސަރުކާރުން ވަނީ އިންކާރު ކޮށްފަ އެވެ.