23 Jun 2017, 10:25
މިސްރުގެ ސަރުކާރަށް ރައީސް އަބްދުލް ފައްތާހު އައް ސީސީ ހުށަހަޅާފައިވާ ގައުމީ ކުއްލިހާލަތު އަނެއްކާވެސް އިތުރު ތިން މަސްދުވަހަށް އިތުރު ކުރުމަށް ފާސްކޮށްފިއެވެ.
މިސްރުގައި މިދިޔަ އޭޕްރިލްމަހު އައިސިސްއިން ދިންހަމަލާތަކަށްފަހު ޕާލިމަންޓުގެ ބޮޑު އަޣްލަބިޔަތަކުން ވަނީ ކުއްލި ހާލަތު ގާއިމް ކުރުމަށް ފާސްކޮށްފައެވެ. އެހެންކަމުން ކުއްލި ހާލަތު އަނެއްކާވެސް އިތުރު ތިން މަސް ދުވަހަށް ދެމިގެންދާނެއެވެ.
ކުއްލި ހާލަތުގެ ދަށުން މީހުން ހިފައި އައްޔަރުކުރުމާއި އަދި ސަވައިލަންސް ކޮަންޑަކްޓް ކުރުމުގައި ފުލުހުންނަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބެއެވެ. އަދި މި ގާނޫނުގެ ދަށުން ކުންފުނިތަކާއި އަދި މީޑިއާގެ އޮފީސްތައް ބަންދު ކުރުމާއި، މުޒާހަރާތައް ހުއްޓުވުންފަދަ ކޯޓް އަމުރެއްގެ ދަށުން ނޫނީ ނުކުރެވޭ ކަންތައްތައް ކުރުމުގެ ބާރު ލިބިގެންދެއެވެ.
މި ފާސްކުރެވުނު ގާނޫނާމެދު އަރަބި ނެޓްވާކް ފޯ ހިޔުމަން ރައިޓްސް އިންފޮމޭޝަން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އަރައިގަތުމާއި އަދި އިންސާނީ ކަރާމަތަށް ހުރަސްއެޅުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އަދި މިސްރުގެ ގިނަ ރައްޔިތުން ވަނީ މި ގާނުނުތަކުގެ ސަބަބުން ބިރުވެރިކަމެއްގެ ތެރެޔަށް ވެއްޓިފައެވެ. މިސްރު ރައްޔިތުން ބުނާ ގޮތުގައި މިހާރުގެ ސަރުކާރަކީ ކުރީގެ ހުސްނީ މުބާރަކުގެ ސަރުކާރާ އެއްވެސް ތަފާތެއް ނެތް ސަރުކާރެކެވެ.
ދެހާސް ތޭރަ ވަނަ އަހަރު މުހަންމަދު މުރްސީގެ ވެރިކަން ވެއްޓުމަށްފަހު އެގައުމުގައި ޓެރަރިސްޓް ހަމަލާތައް ދިނުން ވަނީ އާންމުވެފައެވެ. މިގޮތުން މިސްރުގެ ސައިނާގައި އެކިއެކި ހަމަލާތަކުގައި ސިފައިންގެ ވަރަށް ގިނަ މީހުން ވަނީ މަރުވެފައެވެ.