‎ހއ. އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓުގެ ތެރޭގައި ދިވެއްސަކު މަރާލި މައްސަލައާ ގުޅޭ ފައިސާތަކެއް ފޮރުވާފައި ހުއްޓައި ފުލުހުން ހޯދައިފި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ފުލުހުން މިއަދު ވަނީ އެ ރަށުގައި ބަންނަމުންދާ ސަފާރީއެއްގެ ތެރޭގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދާފައެވެ.

‎ކޮތަޅުތަކެއްގައި ބަންދުކޮށްފައި ހުރި ގިނަ އަދަދެއްގެ އެ ފައިސާތައް ހޯދާފައި ވަނީ މަރުގެ މައްސަލާގައި ހައްޔަރު ކުރި ބިދޭސީއެއްގެ ހާޒިރުގަ އެވެ. ފުލުހުންގެ ތަހުގީގީ ޓީމަކުން މިއަދު ވަނީ އެ ރަށަށް ގޮސް، މަރުގެ މައްސަލައާ ގުޅޭ ބިދޭސީ މީހާގެ ހާޒިރުގައި އެކި ތަންތަން ބަލާފާސްކޮށްފަ އެވެ.

ރަހުމުކުޑަ ގޮތަކަށް މަރާލާފައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު ފެނިފައިވަނީ މިފްކޯ އައިސްޕްލާންޓް މެކޭނިކް، ޅ. ހިންނަވަރު، އިސްމާއިލް އުމަރު(އިއްސެ)، 54، އެވެ.

އޭނާ މަރާލި ކަމަށް އެއްބަސްވެފައި ވަނީ އޭނާއާއެކު މަސައްކަތްކުރާ ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ ޝުމޮންމިއާ އެވެ. އޭނާ އާއެކު އިތުރު ހަތަރު ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. ބެލެވޭ ގޮތުގައި އެ ހަތަރުު ބިދޭސީންނަކީ އިއްސެ މަރާލުމަށް ކުރިއާލާ ރާވައި، ޝުމޮންމިއާއަށް އެހީތެރިވި މީހުންނެވެ.

އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސް ޕުލާންޓު ސަރަހައްދުގައި ސަންގެ ނޫސްވެރިޔަކު ހަރަކާތްތެރި ވަނީ: ރަހުމް ކުޑަ ގޮތަކަށް އިއްސެ މަރާލާފައި އޮތީ އެތަނުގެ ތެރޭގައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްސެ އާއި ޝުމޮންމިއާ ގުޅިގެން، ބަންގްލަދޭޝްއަށް ފައިސާ ފޮނުވައި ހެދި ކަމަށްވެ އެވެ. އެ މީހުން ފޮނުވާ ފައިސާއަކީ އެ ރަށުގައި މަސައްކަތް ކުރާ ބިދޭސީންގެ ފައިސާކަމަށްވެ އެވެ. އިއްސެއަކީ ނަގުދު ފައިސާ ގިނަ އަދަދަކަށް އަތުގައި ބަހައްޓާ މީހެއް ކަމަށްވެއެވެ.

އިތުބާރު ހިފޭ މަސްދަރަކުން "ސަން"އަށް މިއަދު ބުނީ ނަގުދު ފައިސާގެ ގޮތުގައި 80،000 ރުފިޔާ އިއްސެ އަތުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

މަރުގެ މައްސަލާގައި ޝާމިލުވާ ބިދޭސީން ހައްޔަރުކޮށް، ކުށަށް އިއުތިރާފުވެފައިވާއިރު އެ މަރާ ގުޅުންހުރި ފައިސާތައް ފުލުހުން ހޯދުމަކީ ކުރި މުއްދަތެއްގައި މަރުގެ މައްސަލައެއްގައި ފުލުހުން ހޯދި ކުރިއެރުމެކެވެ.