22 Jun 2017, 17:39
ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމާފައިވާ ކަމަށްބުނެ އަޑުތައް ވަރަށް ބޮޑަށް ގަދަވެފައިވާ މި ދަނޑިވަޅުގައި، "މަޖުބޫރު ހާލަތެއްގައި އެއްވެސް މީހަކު ހުންނާން ނުޖެހޭ" ކަމަށް ޕޯޗްގަލްގެ ފުޓްބޯޅަ ލެޖެންޑް ލުއިސް ފީގޯ ބުނެފިއެވެ.
ސްޕެއިންގެ ޓެކްސް އޮތޯރިޓީން ތުހުމަތުކޮށްފައިވާ 14.7 މިލިއަން ޔޫރޯގެ ޓެކްސް މައްސަލައިގައި، ސަންތިއާގޯ ބެރްނަބެއު ދޫކޮށްލަން ރޮނާލްޑޯ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނަމުންދާއިރު، ރެއާލް މެޑްރިޑްގައި އޭނާގެ މުސްތަގުބަލާ ގުޅޭ ގޮތުން ކޮމެންޓް ކުރުމަށް ރޮނާލްޑޯ ދެކޮޅުހަދާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ފީގޯ ވަނީ، ރެއާލް ދޫކޮށްލާނޭ ކަމަށް ރޮނާލްޑޯ ބުނެފައިވާތީ، އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުންފާޅުކޮށްފައެވެ.
އުމުރުން 32 އަހަރުގެ ޕޯޗްގީޒް ކެޕްޓަން، އެހެން ކްލަބަކަށް ދޫކޮށް ނުލާނޭކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެމްޓް ޕެރޭޒް ވިދާޅުވުމާ ގުޅިގެން، ފީގޯ ބުނީ، ޔޫރަޕާއި އަދި ލަ ލީގާގެ ޗެމްޕިއަންނުންނަށް ވުރެ، އެ ކްލަބުގެ އޮފިޝަލެއްވެސް އަދި ކުޅުންތެރިއަކުވެސް "ބޮޑު" ނުވާނެ ކަމަށެވެ.

ރޮނާލްޑޯ (ކ)، ފިގޯ (ވ)
"އަހަރެން ގަބޫލުކުރަނީ އެއްވެސް މީހަކަށް މަޖްބޫރުކަމެއް ނޯންނާނޭ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯ ނަމަވެސް،" ރޮނާލްޑޯގެ މުސްތަގުބަލާ ގުޅޭގޮތުން ގޯލް އިން ސުވާލުކުރުމުން ފީގޯ ބުންޏެވެ.
"ކްލަބުތަކުން އެއްވެސް މީހަކަށް ބަރޯސާވެގެން ނުވާނެ. މި ކްލަބުތަކުގައި އެ އެންމެނަށްވުރެވެސް މަތީ ތާރީޚެއް އެބައޮތް. އެއީ ކްލަބުގެ ރައީސް ކަމުގައި ވިޔަސް އަދި ކޮންމެ މީހަކު ކަމުގައި ވިޔަސް."
ރެއާލްގެ ފޯވާޑް ލައިނުން 2000 އިން 2005އާ ހަމަށް ފެނިގެންދިޔަ ފީގޯ ބުނީ، ރޮނާލްޑޯ ރެއާލް ދޫކޮށްލާނަމަ ދޫކޮށްލާނީ ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވުމުން ކަމަށެވެ.
"އަހަރެން ގަބޫލެއް ނުކުރަން އޭނަ ދާނޭ ކަމަކަށް. އެހެން ނަމަވެސް މީހަކު އަމިއްލައަށް ވަކިގޮތެއް ނިންމައިފި ނަމަ، ދެން އެކަމެއް ހިނގަމުން ދާނީ،" ކުރީން ބާސެލޯނާ، ރެއާލް، އަދި އިންޓަމިލާނަށް ކުޅެފައިވާ، ކުރީގެ ތަޖްރިބާކާރު ފޯވާޑް ބުންޏެވެ.