16 Jul 2011, 14:33
ލޮނު ޒިޔާރަތްކޮޅުގައި ކުރިޔަށް ގެންދާ ނައިޓް މާކެޓަކަށް ރޭ 15000 މީހުން ޒިޔާރަތްކޮށް ވިޔަފާރިކޮށްފި އެވެ. ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ބުނީ ރެއަކީ މިފަހަރުގެ ނައިޓްމާކެޓަށް މިހާތަނަށް އެންމެ ގިނަ ބަޔަކު ޒިޔާރަތް ކުރި ރެއަށް ވެފައިވާ ކަމަށެވެ.
މަގުމަތީ ބާޒާރަށް ރޭ ގިނަ ބަޔަކު ދިއުމުން ބާޒާރު ތޮއްޖެހުމުން އެހެން ރޭ ރެޔާއި ހިލާފަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
"ރޭ އާދަޔާ ހިލާފަށް ގިނައިން މީހުން ޒިޔާރަތްކުރި. ވަރަށް ގިނައިން ރަށްރަށުންވެސް މީހުން ޒިޔާރަތްކުރި. އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ތޮއްޖެހުނު. ފިތޭ ގޮތް ދިމާވި،" ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު ވިދާޅުވި އެވެ.
މިފަހަރުގެ ނައިޓް މާކެޓްގެ ފުރަތަމަ ރޭ 8000 މީހުން ނައިޓް މާކެޓަށް ވަން އިރު ރޭ އެންމެ ބޮޑަށް ތޮއްޖެހުނީ 9:30 10:00 ދެތެރޭ ސުނާމީ ބިނާއާއި ދިމާލުގައި ބޮޑުތަކުރުފާނު މަގުގަ އެވެ. އެ ސަރަހައްދުގައި މީހުން ފިތެން ފެށުމުން އެ ހިސާބު ހައްލަކަށް އެޅުވީ ފުލުހުންގެ އެހީތެރިކަމާއި އެކު އެވެ.
"އަޅުގަނޑުމެން ތިބީ ރެޔަކީ ބަންދު ރެޔަކަށް ވާތީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ސަމާލުވެގެން. ފުލުހުންގެ އެހީތެރކަމަށް އަޅުގަނޑުމެން އެދުނިން. ފުލުހުންވެސް ތިއްބެވީ އެފަދަ ކަމަކަށް ތައްޔާރަށް. އެބޭފުޅުންގެ އެހީތެރިކަމާއި އެކު މީހުންނަށް ޖާގަ ދައްކލަމުން ދިޔައީ،" އަދީބު ވިދާޅުވި އެވެ.
މީހުން ތޮއްޖެހި ފިތުނު ކަމުގައިވިޔަސް ބާޒާރު ކުރި އެއްވެސް މީޙަކަށް ގެއްލުމެއް ނުލިބެ އެވެ.
"އިރާދަކުރެއްވީތީ އެއްވެސް ގެއްލުމެއް ނުލިބޭ. ފުލުހުންގެ އެހީތެރިކަމާއެކު އަޅުގަނޑުމެން އެކަން ހައްލަކަށް އެޅުވިން،" އަދީބި ވިދާޅުވި އެވެ.