23 Jun 2017, 10:41
ތ. ހިރިލަންދޫ، ތަރިވިދާގޭ މަރިޔަމް އިސްމާއިލް، 54، ކެންސަރާ ފުރަތަމަ ހަނގުރާމަ ކުރަން ފެށީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާއަށް ކުރިމަތިވީ އަނގައިގެ ކެންސަރެވެ. ދެހާސް ސާދަ ވަނަ އަހަރު ކެންސަރުން އޭނާއަށް އަރައިގަނެވުނީ ދަތްތައް ނަގައި ބޮޑު އޮޕަރޭޝަނެއް ކުރުމަށްފަހުއެވެ. ފަރުވާ ހޯދީ އިންޑިއާގެ އާރުސީސީންނެވެ.
އެބޮޑު ވޭނުން އަރައިގަނެވުނުތާ ތިން އަހަރު ނުވަނީސް އަނެއްކާވެސް މަރިޔަމަށް މި ވަނީ ކެންސަރުގެ އިތުރު ވޭންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މިފަހަރު އޭނާއަށް ޖެހިފައިވަނީ އުރަމަތީގެ ކެންސަރެވެ. އިންޑިއާގެ، މަނިޕާލް ހޮސްޕިޓަލުން މިހާރު ދަނީ އެކަމަށް ފަރުވާ ހޯދަމުންނެވެ.

"ކެންސަރުގެ ހަތަރު ވަނަ ސްޓޭޖްގައި އުޅެނީ. އެކަމަކު އުރަމަތި ވީމަ ރަނގަޅު ކުރެވޭނެ ކަމަށް ބުނޭ. ޑޮކްޓަރުން ބުނަނީ މަންމަގެ އުރަމަތީގައި ޓިއުމަރެއް އިންނަތާ ހަ އަހަރުވެއްޖެއޭ،" މަރިޔަމްގެ ދެ ކުދިންގެ ތެރެއިން އޭނާގެ ކަންކަމާ ހަވާލުވެ ހުރި މުހައްރިމް އަބޫބަކުރު ބުންޏެވެ.
މަރިޔަމްއަށް އަންނަނީ މަނިޕާލް ހޮސްޕިޓަލުން ކީމޯ ދެމުންނެވެ. މިހާރު ދެމުންދާ ފަރުވާއަށް ވެސް ހަ މަސް ދުވަހު އެކޮޅުގައި މަޑުކުރަންޖެހޭއިރު އަތުން ކުރަންޖެހޭ ހޭދަ ބޮޑު ކަމަށް މުހައްރިމް ބުންޏެވެ.
"ކީމޯއާއެކު ޖަހާ އިންޖެކްޝަނެއް ޖަހަންވެސް ތިބެންޖެހޭ. އެއީ 12 ހަފްތާ ވަންދެން ހަފްތާއަކު އެއް ފަހަރު ޖަހާ އަގުބޮޑު އިންޖެކްޝަނެއް. އަދި އޮޕަރޭޝަން އޮތީ،" މުހައްރިމް ބުންޏެވެ.
މަރިޔަމްގެ ކެންސަރު ޖެހިފައިވާ އުރަމަތި ނެގުމަށާއި ހަށިގަނޑުން ކެންސަރު ނައްތާލުމަށް ކުރާ އޮޕަރޭޝަނެއް ތިން މަސް ފަހުން ކުރެވޭނެ ކަމަށް ޑޮކްޓަރުން ލަފާކޮށްފައިވާއިރު އޮޕަރޭޝަނަށްފަހު ވެސް ހަތަރު ރޭޑިއޭޝަނެއް ދޭންޖެހެއެވެ. އޭގެ ފަހުން ހަ މަސް ވަންދެން މަހަކު އެއް ފަހަރު ކީމޯ ދޭންޖެހެއެވެ.
ނިކަމެތި އާއިލާއިން އެހީތެރިކަމަށް އެދިއެދި
މަރިޔަމްގެ މިހާރުގެ ފިރިމީހާއަކީ ލޯފަން މީހެކެވެ. އެ އާއިލާގައި އާމްދަނީ ހޯދަން ވަޒީފާއެއްގައި އުޅޭ މީހަކަށް ހުރީ މުހައްރިމް އެކަންޏެވެ. އޭނާއަކީ ފުލުހުންގެ އިދާރާގެ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ މީހަކަށްވާއިރު ލިބޭ ކުޑަ މުސާރަ އާއި ކުރަންޖެހިފައިވާ ކަންކަމާ ނުބައްދަލެވެ.
ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު ވިދާޅުވި ގޮތުގައި އެ އާއިލާއަކީ ނިކަމެތި އާއިލާއެކެވެ. އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ރަށު މިސްކިތުގައި ފަންޑުފޮށްޓެއް ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްރިމް ބުނިގޮތުގައި އާސަންދައިގެ ދަށުން ބޭސްފަރުވާގެ ކަންކަން ހަމަޖެހުނު ނަމަވެސް އިންޑިއާގައި ތިބުމަށާއި ކެއުންފަދަ ކަންކަމަށް ބޮޑު ހަރަދެއްދެއެވެ.
މަރިޔަމަށް އެހީވުމަށް:
ނަމްބަރު: 0918951173514
އެކައުންޓް ނަމްބަރު:
މުހައްރިމް އަބޫބަކުރު: 7730000007681
ނޯޓް:
ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.
އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ 9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.