22 Jun 2017, 20:51
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރެއިން ހިންގި ކޮރަޕްޝަންގެ މައްސަލަ އޮއްބައި ނުލެވޭނެ ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނުސީދާކޮށް ކުރީގެ ނައިބު ނައިބު ރައީސް އަހުމަދު އަދީބަށް ރައްދު ދެއްވައިފި އެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޕީއާރުސީގެ ތެރެއިން ހިންގި ކޮރަޕްޝަންގެ އަމަލުތަކުގައި ދައުލަތުން ގެއަލުނު ފައިސާތަކާއި "ބަހާލި ރައްތަކުގެ މައްސަލަ އަކީ" އެއްގޮތަކަށް ވެސް އޮއްބާލެވޭނެ މައްސަލައެއް ނޫން ކަމަށެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނައިރު އެ ފައިސާ އަދިވެސް ހޯދިފައިނުވާ ކަމަށެވެ.
We cannot overlook the millions stolen & islands doled out as incentive to corrupt numerous individuals. MMPRC money still not recovered..
— Mohamed Jameel Ahmed (@MJameelAhmed)June 21, 2017
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން ދިން ހަމަލާއަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ މީހަކު މަރާލުމަކީ ވަރަށް ބޮޑު ކުށެއް ކަމަށާއި ދައުލަތުން އެކަން ވަރަށް ރަނގަޅަށް ތަހުގީގު ކުރަންޖެހޭ ކަމަށެވެ.
އަދީބަކީ ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައި ވިޔަސް އެމަނިކުފާނާ މެދު ވެސް އަމަލު ކުރަންޖެހޭނީ އިންސާފުން ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ނެރެފައިވާ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާގެ އަދަދު 1.2 ބިލިއަން ރުފިޔާއަށް އަރައެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނައިރު، ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށްފަހު އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ތިން މިލިއަން ޑޮލަރަށް ޚިޔާތްވި ކަމުގެ ކުށް އަދީބުގެ މައްޗަށް ވަނީ ސާބިތުވެފައެވެ.