22 Jun 2017, 21:11
ލަޝްކަރުގާ (ޖޫން 22): އަފްގާނިސްތާނުގެ ހެލްމަންޑް ޕްރޮވިންސުގެ ވެރިރަށް ލަޝްކަރުގާގެ ބޭންކެއް ކުރިމަތީގައި ދިން ބޮމުގެ ހަމަލާއެއްގައި 29 މީހަކު މަރުވެއްޖެ އެވެ.
ހެލްމަންޑް ޕްރޮވިންސުގެ ގަވަރުނަރުގެ ތަރުޖަމާނު އުމަރު ޒުވަކް ވިދާޅުވި ގޮތުގައި ނިއު ކާބުލް ބޭންކްގެ ބްރާންޗެއް ކުރިމަތީގައި ދިން އެހަމަލާގައި ގާތްގަނޑަކަށް 60 މީހުންނަށް އަނިޔާވި އެވެ. އޭގެ ތެރޭގައި ފުލުހުންނާއި، ސިފައިންނާއި ބޭންކުގެ މުވައްޒަފުން ހިމެނޭ ކަމަށް ޒުވަކް ވިދާޅުވި އެވެ.
އަފްގާން ސަލާމަތީ ފައުޖުތަކާއި އާއްމުން މުސާރަ ނަގަން ބޭންކް ކައިރިއަށް އެއްވެފައި ތިއްބާ ގޮވާ ތަކެތި ހަރުކޮށްފައިވާ ކާރެއް ގޮއްވާލައިގެން ދިން އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. ނަމަވެސް އެހަމަލާ ދީފައި ވަނީ ހެލްމަންޑް ޕްރޮވިންސުގެ ގިނަ ސަރަހައްދުތައް ކޮންޓްރޯލް ކުރާ ތާލިބާނުންގެ ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އަފްގާނިސްތާނުގައި ތާލިބާނުންގެ ބާރުގަދަ ވަމުން ދިޔުމުގެ ސަބަބުން އެމެރިކާއިން އަނެއްކާވެސް އެގައުމަށް އިތުރު ސިފައިން ފޮނުވާނެ ކަަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ. އަފްގާނިސްތާނުގައި މިހާރު އެމެރިކާގެ 8،400 ސިފައިންނާއި ނޭޓޯގެ ގައުމުތަކުގެ 5،000 ސިފައިން ހަރަކާތްތެރިވެ އެވެ. އެސިފައިން މަސައްކަތް ކުރަނީ އަފްގާން ސިފައިން ތަމްރީނު ކުރުމުގަ އާއި މުޝީރުންގެ ގޮތުގަ އެވެ. (އަލްޖަޒީރާ)