16 Jul 2011, 14:31
މައި އިދިކޮޅު ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ )ޑީއާރްޕީ(އާއި ޕީޕަލްސް އެލައަންސް )ޕީއޭ(އާ ދެމެދު ސޮއިކޮށްފައިވާ ކޯލިޝަން އެގްރިމެންޓް އުވާލުމަށް ޕީއޭގެ ކައުންސިލުން މިދިޔަ ބުދަ ދުވަހު ނިންމުމާ ގުޅިގެން، ޑީއާރްޕީ/ޕީއޭ ކޯލިޝަން ރޫޅިއްޖެ އެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުގައި، ސެޕްޓެމްބަރު 1، 2008 ގައި ޑީއާރްޕީއާއެކު ސޮއިކޮށްފައިވާ "ސިޔާސީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުން" އުވާލާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ޕީއޭގެ ކައުންސިލް ބައްދަލުވުމުގައި އެވެ. އެ އެއްބަސްވުން އުވާލީ އެ ބައްދަލުވުމުގައި ބައިވެރިވި 12 މެމްބަރުންގެ އިއްތިފާގުންނެވެ.
ޑީއާރްޕީ/ޕީއޭ ކޯލިޝަން އެގްރިމެންޓް އުވާލުމުގެ މައްސަލަ ޕީއޭގެ ޕާލިމެންޓްރީ ގްރޫޕުން ޕާޓީގެ ކައުންސިލަށް ހުށަހަޅައި، އެގޮތަށް ފާސްކޮށްފައި މިވަނީ، ޒައީމް ފެކްޝަނުން އެކަމަށް އެދި ގޮވާލައިފަ ވަނިކޮށެވެ.
ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު، އަބްދުﷲ ޔާމީންގެ ޕީޕަލްސް އެލައަންސުން ބުނި ގޮތުގައި ކޯލިޝަން އުވާލުމުގެ މައިގަނޑު ސަބަބަކީ، މިދިޔަ އަހަރުގެ ޑީއާރްޕީގެ ކޮންގްރެސްއަށްފަހު އަލަށް އިންތިހާބުކުރެވުނު ލީޑާޝިޕުން އެ އެއްބަސްވުމަށް "އަމަލުކުރުމަށް މާބޮޑު އަހަންމިއްޔަތުކަމެއް" ނުދިނުމެވެ.
އަދި އެއްބަސްވުން އުވާލީ ޑީއާރްޕީ/ޕީއޭ ކޯލިޝަން ދެމެހެއްޓުމަށް ޑީއާރްޕީގެ އާ ލީޑާޝިޕުން "އެދެވޭ ހަރުދަނާ" މަސައްކަތްތަކެއް ވެސް ކޮށްފައިނެތުމުގެ އިތުރުން އެ އެއްބަސްވުމުގެ އަސާސްތަކާއި އެއްބަސްވުމުގެ ރޫހާއި އެއްގޮތަށް ވެސް އަމަލުކުރަމުން ނުގެންދާތީ ކަމަށް ވެސް އެޕާޓީން ބުނެފައިވެ އެވެ.
އަދި މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރިކުރުވުމަށް ކުރަން ޖެހޭ ގިނަގުނަ މަސައްކަތްތަކުގައި ޑީއާރްޕީގެ ލީޑާޝިޕުން އިސްނެގުމެއް ނެތުމުންނާއި އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު އެހެން ޕާޓީތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޑީއާރްޕީން މާބޮޑު ތަރުހީބެއް ނުދޭތީ ކަމަށް ވެސް ޕީއޭން ބުނެފައިވެ އެވެ.
މީގެ އިތުރުން މަޖިލީހުގެ އަޣުލަބިއްޔަތު ޑީއާރްޕީ/ޕީއޭ ކޯލިޝަނަށް އޮތްއިރު މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އަހްމަދް ތަސްމީން އަލީ އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުތަކާއި ނަންގަންޖެހޭ އިސްނެންނެވުންތައް އެކަށީގެންވާ ގޮތެއްގައި ނަގައިފައިނުވާ ކަމަށް ވެސް ޕީއޭން ބުނެފައިވެ އެވެ.
"ޑީއާރްޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ޕާޓީން ވަކިވުމާއި އަދި އެކަންކަމުގެ ސަބަބުން މަޖިލީހުގެ މެޖޯރިޓީ ގެއްލި، އަމިއްލަ ބާރުން ކަންކަން ނިންމުމުގެ ބާރު މަޖިލީހުގައި ގެއްލި، މަޖިލީހުގެ މައިނޯރިޓީއަށް މިއަދު ބަދަލުވެފައިވާކަން ]ކައުންސިލް މެމްބަރުން[ ފާހަގަކުރެއްވި އެވެ."ޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަދި ޑީއާރްޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކުގެ ސަބަބުން މަޖިލީހުގެ އެކިއެކި މަސައްކަތްތަކުގައި މެމްބަރުން ބައިބައިވެ، ޕާޓީގެ ވިޕްލައިން ތަންފީޒު ނުކުރެވޭ މައްސަލައާއި އެ ބައިބައިވުގެ މައްސަލަ "މެމްބަރުންނާއި ޕާޓީގެ އައު ލީޑާޝިޕާއި ދެމެދު މުއާމަލާތް ނުކުރެވޭ ދަރަޖައަކަށް" ގޯސްވެފައިވާތީ، ޑީއާރްޕީއަށް ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް ވެސް ޕީއޭން ބުނެފައިވެ އެވެ.
އަދި ބަޔާނުގައި ބުނެފައިވެ އެވެ: "ޕީއޭގެ މިނިންމުމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ އައު މަސައްކަތްތަކެއް މުޅިން އައު ހިތްވަރަކާއެކު ފެށުމަށް މަގުފަހިވެގެންދާނެ ކަމުގައި ޕީއޭގެ ފަރާތުން ދެކެމެވެ."
މިކަމާ ގުޅޭ ގޮތުން ޑީއާރްޕީގެ ލީޑަރު ތަސްމީންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ނަމަވެސް، ޑީއާރްޕީގެ އޮފިޝަލަކު ވިދާޅުވީ، ޕީއޭއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވާ ނަމަވެސް، ދެޕާޓީން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.
"ދެޕާޓީގެ މެދުގައި ވެފައިވާ އެއްބަސްވުން އުވާލިކަން ރަސްމީކޮސް އަންގައިފަ އެބައިން ޕީއޭގެ ފަރާތުން އަޅުގަނޑުމެންނަށް. އެއީ މިހާހިސާބަށް އޮތް އެއްޗަކީ. އަޅުގަނޑު ދަންނަވާނީ ކޯލިޝަނެއް ނޫން ކަމުގައިވިޔަސް މުސްތަގުބަލުގައި ދެޕާޓީން ވަރަށް ގާތްކޮށް މަސައްކަތްކުރަމުންދާނޭ." އެ އޮފިޝަލް ވިދާޅުވި އެވެ.
ކޯލިޝަން އުވާލިއިރު މަޖިލީހުގައި ޑީއާރްޕީގެ 24 މެމްބަރުންނާއި ޕީއޭގެ ހަތް މެމްބަރުން ތިއްބަވަ އެވެ.