ކުރީގެ ރިޔާސީ ގަނޑުވަރު، ތީމްގޭގެ އޮޑިޓް ރިޕޯޓާކާ ގުޅޭ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ބައްދަލުކޮށް ސުވާލުކުރަން ބޭނުންކަން މައުމޫނަށް އަންގާފައިވާނެ ކަމަށް އޭސީސީ އިން ބުނެފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު 'ސަން' އަށް ވިދާޅުވީ އެ ކޮމިޝަނުން ބަލަމުން އަންނަ 2007 އަދި 2008ގެ ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅުގެން މައުމޫނާ ސުވާލުކުރުމަށް ބޭނުން ވާތީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އެދި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.

މައުމޫން އޭސީސީ އަށް ހާޒިރުވާން އެންގި ކަމަށް ސަން އަށް މައުލޫމާތު ދިނީ ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމެވެ. ނަމަވެސް އޭސީސީ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ލުތުފީ ވިދާޅުވީ އެސީސީގެ އަމަލުކުރަމުން އަންން އުސޫލުތަކުގެ ދަށުން ކުރީގެ ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު އެ ކޮމިޝަނަށް ހާޒިރު ނުކުރެވޭނެ ކަމަށާއި އެހެން ކަމުން އޭސީސީ އިން އެ އުސޫލުން ބޭރުން އަމަލެއް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މައުމޫން ހާޒިރުކުރާކަށް ނުނިންމަން. މައުމޫނަށް ވާނީ ސިޓީއަކުން ދަންނަވާފައި ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން ބައްދަލުކުރަން ބޭނުންވާ ވާހަކަ،" މި މިދިޔަ ހޯމަ ދުވަހު ފޮނުވި ސިޓީއާ ހަވާލާދީ ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލައަކީ އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި އެކަން ބައްލަވާނެ ކަމަށެވެ.

ތީމުގެ ހަރަދުތަކާ ގުޅޭ ގޮތުން ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް، 2009 ވަނަ އަހަރު ނެރުއްވި އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައި ވަނީ، ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ކޮރަޕްޝަން ހިންގެވި ކަމަށާއި މަގާމުގެ ބާރު ބޭނުންކޮށްގެން ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވާފައިވާ ކަމަށެވެ. ރައީސް މައުމޫނަށް ރައްޔިތުން ކުރި އިތުބާރަށް އެމަނިކުފާނު ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ މަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ނައީމް ފާހަގަ ކުރައްވާފައިވެ އެވެ.

އެގޮތުން ވަކި ބަޔަކަށް ނުވަތަ އަމިއްލަ ފައިދާއަށް ރައީސް މައުމޫން ދައުލަތުގެ ބަޖެޓުން ހަރަދު ކުރައްވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެގޮތުން އަމިއްލަ ކަންތައްތަކަށާއި އާއިލީ ކަންކަމަށާއި ގާތްތިމާގެ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން މައުމޫން ކުރެއްވި ހަރަދުތައް އެމަނިކުފާނުގެ އަތްޕުޅުން ހޯއްދަވަން ޖެހޭނެ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކުރީގެ އޮޑިޓާ ޖެނަރަލް އިބްރާހިމް ނައީމް 2009 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އާންމުު ކުރެއްވި އޮޑިޓް ރިޕޯޓަކީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ތީމުގެއަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދުތަކާ ގުޅޭ އޮޑިޓް ރިޕޯޓެކެވެ. އެ ރިޕޯޓުގައި 1992 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރަށް ރިޔާސީ ގަނޑުވަރު އިމާރާތް ކުރުމަށް ހިންގާފައިވާ ހަރަދުތަކަށް ހިމަނާފައިވެ އެވެ. އަދި 2002 ވަނަ އަހަރު ރައީސް މައުމޫން ބައްލަވައިގަތް ލޯންޗުގެ ހަރަދުތަކަށް ވެސް އެ އޮޑިޓުގައި ބަލާލާފައިވެ އެވެ.