އަންނަ ފިތުރު އީދު ދުވަހުގެ އީދު ނަމާދަށް، އެދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ނަމާދު ވަގުތު ނިމެންދެން މާލޭގެ ބައެއް މަގުތައް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އީދު ނަމާދުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް ހިއްސާކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ސަބް އިންސްޕެކްޓަރު މުހައްމަދު ޒުހަން ވިދާޅުވީ، ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ މާފަންނު ސްޓޭޑިއަމްގެ އިތުރުން އިސްލާމީ މަރުކަޒު ސަރަހައްދުގެ ބައެއް މަގުތައް ވެސް އެދުވަހު ބަންދު ކުރާނެ ކަމަށެވެ.

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ބަންދުވާނެ މަގުތައް

  • މާފަތްތަކުރުފާނު މަގުން ފެށިގެން އަމީނީމަގާ ހަމައަށް

  • މާފަތްތަކުރުފާނު މަގާއި އަމީނީމަގާ ގުޅުނު ހިސާބުން ފެށިގެން ހަނދުވަރީ މަގާ ހަމައަށް
  • ހަނދުވަރީ ހިނގުމާއި އާޒާދީ ހިނގުމާ ގުޅުނު ހިސާބުން ހިލާލީ މަގާ ހަމައަށް
  • ވައިދެރި ހިނގުމާއި ކުރެދިގޯޅިއާ ގުޅުނު ހިސާބުން މާފަތްތަކުރުފާނު މަގާ ހަމައަށް
  • އަމީނީ މަގާއި ހިލާލީ މަގާ ގުޅުނު ހިސާބުން ފެށިގެން އާޒާދީ ހިނގުމާ ހަމައަށް

އެ ސަރަހައްދުގައި ޕާކު ކުރުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ކުރިން އަހަރުތަކެކޭ އެއްގޮތަށް މާފަންނު ޓާފް ދަނޑުގެ ވެލިދަނޑުގަ އެވެ. އަދި މިހާރު ޕާކް ނުކުރެވޭ ގޮތަށް އޮންނަ މާފަތްތަކުރުފާނު މަގުގެ އެއް ފަރާތުގައި ވެސް އީދު ނަމާދު ވަގުތު ޕާކު ކުރެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ސަބް އިންސްޕެކްޓަރު ޒުހަން ވިދާޅުވީ، އުތުރުން ދެކުނަށް ދުއްވޭ ގޮތަށް މިހާރު އޮންނަ ހިލާލީ މަގުގެ އެއްބައި އެދުވަހު ބަންދުކުރާއިރު ޕާކު ކުރުމަށްޓަކާ ވެލިދަނޑަށް ވަނުމަށް، ބޮޑު ތަކުރުފާނުމަގުން ހިލާލީ މަގަށް ވަދެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

"ފުރަތަމަ ވަޑައިގަންނަވާ ބޭފުޅުން ވެސް ވީހާވެސް ތަރުތީބުން، ފަސޭހައިން ނުކުމެވޭނެ ގޮތަކަށް ޕާކު ކުރަމުން ގެންދިއުމަކީ ސަމާލުކަމެއް ދެންޖެހޭ ކަމެއް،" ޒުހަން ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒު ސަރަހައްދުގައި ބަންދުވާނެ މަގުތައް

  • ޝަހީދު ހުސެއިން އާދަމް ބިލްޑިންގް އިން ގުޅުނު ހިސާބުން ފެށިގެން ޗާނދަނީމަގާ ހަމައަށް

  • އަމީރުއަހުމަދުމަގު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގް އާ ގުޅުނު ހިސާބަށް
  • މެދު ޒިޔާރަތްމަގު، ޝަހީދު އަބްދުﷲ ޒުހެއިރު ހިނގުމާ ގުޅުނު ހިސާބަށް
  • ޝަހީދު ހުސެއިން މުހައްމަދު ހިނގުމުން ދަރުމަވަންތަމަގާ ހަމައަށް
  • ޝަހީދު ކުޑަ އާދަމްގެ ކުޑަ ތުއްތު ހިނގުމުން ދަރުމަވަންތަމަގާ ހަމައަށް
  • ޝަހީދު އާދަމް ނަސީރު ހިނގުމުން
  • ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ކައިރިން
  • އޯކިޑްމަގު، ފާމުދޭރިމަގާ ގުޅުނު ހިސާބުން
  • ޗާނދަނީމަގު، ފަރީދީމަގާ ގުޅުނު ހިސާބުން
  • ހުސެއިނީ ގޯޅި، އިބްރާހިމް ހަސަން ދީދީ މަގާ ގުޅުނު ހިސާބުން ޗާނދަނީ މަގާ ހަމައަށް

އިސްލާމީ މަރުކަޒު ސަރަހައްދުގެ ޕާކިން ހަމަޖެހިފައި ވާނީ ދިރާގު އިމާރާތް ކުރިން ހުރި ސަރަހައްދުގެ ފަހަތުގައި ހަދާފައި އޮންނަ ހުސް ބިމުގެ އިތުރުން ބަންދުކުރާ މަގުތަކުގަ އެވެ.

އީދު ނަމާދު ކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މާލޭގައި ބޮޑު ޖަމާއަތުގައި ކުރާ ނަމާދުގައި އަންހެނުންނަށް ހާއްސަ ކުރެވިފައި ވަނީ މާފަންނު ދަނޑުގެ އިރުމަތީ ފަރާތް (ދުވާ ޓްރެކް) ކަމަށެވެ. އަދި އެތަނަށް ވަނުމަށް ހާއްސަކޮށްފައި ވަނީ ދަނޑުގެ އިރުމަތީ ފަރާތުގައި އިންނަ މައި ގޭޓެވެ.

ފިރިހެނުންނަށް ހާއްސަކޮށްފައި ވަނީ އަމީނީމަގުގައި ހުންނަ ގޭޓް އަދި މިފްކޯ މަސް ފިހާރަ ކުރިމައްޗަށް އިންނަ ގޭޓެވެ. އަދި ނަމާދަށް އަންނަ މީހުންނަށް ފައިވާން ރައްކާތެރި ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ހުންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އިސްލާމީ މަރުކަޒުގައި ނަމާދު ކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް:

ފިރިހެނުންނަށް ހާއްސަ ކުރެވިފައި ވަނީ މިސްކިތުގެ އެތެރެ ހޯލް އަދި ކަނާތު ވިންގާއި މިސްކިތުގެ މަތީ ބައެވެ. ނަމަވެސް މީހުން ގިނަ ވެއްޖެ ނަމަ. ތިރީ ބައިގެ ކަނާތް ފަރާތް ވެސް ފިރިހެނުންނަށް ހާއްސަ ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

ވުޟޫ ކުރުމުގެ އިންތިޒާމް މިސްކިތުގެ ބޭރުގައި އޮންނަ މާބަލް ޖަހާފައި އޮންނަ ސަރަހައްދަށް ވަނުމަށް އޮންނަ ތަނުގައި ހަމަޖައްސާފައި އޮންނާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

އީދު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒަށް އަންނަ އަންހެނުންނަށް ހާއްސަ ކުރެވިފައިވަނީ ވާތް ފަރާތް (ކުރީގެ ދިރާގު އިމާރާތް ހުރި ފަރާތް)އެވެ. އަދި މިސްކިތުގެ އެތެރޭގައި ހުންނަ ވުޟޫ ކުރާ ބައިގެ އިތުރުން ދިރާގު އިމާރާތް ހުރި ސަރަހައްދުގައި ވެސް ވުޟޫ ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

އަލީ ވަހީދު ވިދާޅުވީ، މާފަންނު ސްޓޭޑިއަމް އަދި އިސްލާމީ މަރުކަޒުގައި ހިންގާ ސިއްހީ ކަންތައްތަކަށް އައިޖީއެމްއެޗާ ގުޅިގެން ކުރިއަށް ގެންދާއިރު، ހުޅުމާލެ އަދި ވިލިމާލޭގައި ވެސް އެތަނެއްގެ ސިއްހީ ފަރުވާ ދޭ ހަސްޕަޓާލްތަކުން އެކަން ހަމަޖައްސާނެ ކަމަށެވެ.

މޫސުން ގޯސްވެއްޖެ ނަމަ

ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މޫސުން އަދި ރަނގަޅަށް އޮތްނަމަވެސް ހޮނިހިރު ދުވަހުގެ ރެއަށް މޫސުން ބަދަލުވެއްޖެ ނަމަ، އީދު ނަމާދު ކުރުން މިސްކިތްތަކަށް ބަދަލުވާނެ ކަމަށެވެ. އެގޮތުން ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އެކަން ހަމަޖައްސާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބޮޑު ޖަމާއަތްތަކުގެ އިތުރުން އީދު ނަމާދު ކުރުމަށް ކަނޑައަޅާފައިވާ މިސްކިތްތައް:

ބޮޑު ޖަމާއަތް ކުރި ނަމަވެސް، މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ވެސް އީދު ނަމާދު ކުރާނެ އެވެ.

އެގޮތުން އިސްލާމީ މަރުކަޒުގެ އިތުރުން މާލޭގެ 14 މިސްކިތެއްގައި ކުރަން ހަމަޖައްސާފައިވާއިރު، ވިލިމާލޭ މަސްޖިދުއްސަލާމް ގައާއި ހުޅުލޭގައި މަސްޖިދުއްސަބީލްގައި ކުރާނެ އެވެ. އަދި ހުޅުމާލޭގައި މަސްޖިދު ޝައިހް ގާސިމް ބިން މުހައްމަދު އާލް ސާނީ އަދި ހުޅުމާލެ ވަގުތި މިސްކިތުގައި ވެސް ފިތުރު އީދު ނަމާދު ކުރާނެ އެވެ.

މާލޭގައި މިއަހަރުގެ ފިތުރު އީދު ނަމާދު ކުރާނެ މިސްކިތްތައް:

  • މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން

  • މަސްޖިދުއްސުލްތާން މުހައްމަދު ޝަމްޝުއްދީން (ބަންޑާރަ މިސްކިތް)
  • މަސްޖިދުއްސުލްތާން މުހައްމަދު ފަރީދުލްއައްވަލު
  • މަސްޖިދުލްސުލްތާން ހަސަން އިއްޒުއްދީން
  • މަސްޖިދުއްނޫރު
  • މަސްޖިދުއް ޝަހީދު އަލީ
  • މަސްޖިދު ސަލާހުއްދީން
  • މަސްޖިދުލްފުރުގާން
  • މަސްޖިދުލްޒިކްރާ
  • މަސްޖިދު އިސްކަންދަރު
  • މަސްޖިދުއްޖަލާލުއްދީން
  • މަސްޖިދު އިބްރާހިމް
  • މަސްޖިދު ޝަހީދު އަބްދުއްރަހްމާން (ފަނޑިޔާރު މިސްކިތް)

އިސްލާމިކް މިނިސްޓްރީގެ އިލްތިމާސް

އަލީ ވަހީދު ވިދާޅުވީ، އީދު ކަހަލަ ދުވަސްތަކަކީ އިޖްތިމާއީ ދުވަސްތަކެއް ކަމުން، އެކަމުގައި އެންމެ ރަނގަޅު ގޮތަކީ އާއިލާ ބޭފުޅުން ތުއްތުކުދިން ގޮވައިގެން މިސްކިތަށް ފައިމަގުގައި ވަޑައިގަތުން ކަމަށެވެ. އަދި އެއީ މިނިސްޓްރީން ބާރު އަޅާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ތަންކޮޅެއް ދުރުން އައުމަކީ މިހާރު ވަރަށް ފަސޭހަވާ ކަމެއް ނޫން. އެހެންނަމަވެސް ފައިމަގުގައި ވަޑައިގަތުމަކީ މިނިސްޓްރީން ބާރު އަޅާ ކަމެއް. ޓްރެފިކް ބާރުބޮޑުވެގެންދާނެ. ޕާކު ކުރާނެ ތަންތަން އެހާ ގިނައެއް ނޫން. މިކަހަލަ ދުވަސްތަކުގައި ކުޑަކުޑަ ވަގުތު ކޮޅަކަށް އެކަން ކުރުމަކީ އެކަމުގެ ހިތްހަމަޖެހުން ކޮންމެ މީހަކަށް ވެސް ލިބިގެންދާނެ ކަމެއް،" ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ އީދު ނަމާދުގެ ކަންކަން އިންތިޒާމް ކުރުމުގައި ފުލުހުންގެ އިތުރުން ގާލް ގައިޑުންނާއި ސްކައުޓުން ހަރަކާތްތެރިވާއިރު، ރާއްޖޭގެ ދީނީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.