ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑްސް، ވޯލްޑް ޓްރެވަލް އެވޯޑްސް 2017ގެ އިންޑިއަން އޯޝަން ގާލާ އަންނަ މަހުގެ އަށްވަނަ ދުވަހު ރާއްޖޭގައި އޮންނާނެ އެވެ. މި ހަފްލާ އޮންނާނީ ޖުލައި އަށެއް ވާ ހޮނިހިރު ދުވަހު، ސަން އަކުއާ ވިލުރީފް ރިސޯޓުގަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ސީރީޒްގައި ކޮންމެ އަހަރަކު ވެސް ދުނިޔޭގެ 10 ސަރަހައްދެއްގައި، ސަރަހައްދީ ފެންވަރުގެ ގާލާއެއް ބާއްވައި، އެ ސަރަހައްދުން ފާހަގަކުރެވޭ ފަރާތްތަކަށް އެވޯޑު ދެ އެވެ. އެއަށް ފަހު މުޅި ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ފަރާތްތަކަށް އެވޯޑު ދިނުމަށް ގްރޭންޑް ފިނާލޭ ގާލާއެއް ބާއްވަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ބުނި ގޮތުގައި، ވިލުރީފްގައި އޮންނަ އިންޑިއަން އޯޝަން ގާލާ ހުށަހަޅައިދޭނީ މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަންގެ ދެ ޕްރެޒެންޓަރުން، މޫސާ ވަސީމާއި އައިމިނަތު ލަމްހާ ލަތީފެވެ. ގާލާގައި ދިވެހި ސަގާފީ ނެށުންތަކާއި ހަރަކާތްތައް ދައްކައިދޭ އިރު، ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާގެ ޚާއްސަ ހުށަހެޅުމެއް ފެނިގެން ދާނެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރައީސް ގްރޭމް ކުކް ވިދާޅުވީ، ސަން އަކުއާ ވިލުރީފްގައި މި ހަރަކާތް ބޭއްވޭތީ ވަރަށް އުފާވާ ކަމަށެވެ.

ސަން ސިޔާމް ރިސޯޓްސްގެ ޑިރެކްޓަރު އޮފް ބިޒްނަސް ޑިވެލޮޕްމެންޓް އިވްޖީނާ ބޮޔަންކޯވާވެސް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ ހަރަކާތްތައް އެތަނުގައި ބޭއްވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި އެ ހަރަކާތަށް ވަރުގަދައަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާގައި ވާދަކުރާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން މަޑަގަސްކާ، މޮރީޝަސް، ސީޝެލްސް އަދި ރިޔޫނިއަން އައިލެންޑް އެވެ.

ރާއްޖޭގައި ބާއްވާ މި ހަރަކާތުގެ ޕާޓްނަރުންނަކީ އެމްއެމްޕީއާރުސީ، ސަން އަކުއާ ވިލު ރީފް، ސަން ސިޔާމް ރިސޯޓްސް، ދިރާގު، އެރޯފްލޮޓް އަދި ޓީވީ5 މޮންޑެވެ.