16 Jul 2011, 13:42
އިނގިރޭސި ޕްރިމިއާ ލީގްގެ ޗެލްސީއަށް ބަދަލުވެދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނު ޕޯޓޯގެ ތަރި ކުރިއަށް އޮތް ހަތަރު އަހަރު ވެސް ޕޯޓޯގައި މަޑުކުރަން ނިންމައި ކުލަބްގެ ކޮންޓްރެކްޓް އާކޮށްފި އެވެ.
ކޮލަމްބިޔާގެ ބައިނަލް އަގުވާމީ ފޯވަޑް ޕޯޓޯ ދޫކޮށް ނުދާނެ ކަމަށް މެނޭޖްމަޓުން އިއްޔެ މީޑިއާގައި ބުނެފައި ވާއިރު، ފަލްކާއޯ ވެސް އިއްޔެ ވަނީ މީޑިއާ ކުރި މަތީގައި އެކަން ކަށަވަރުވެސް ކޮށްދީފައެވެ. އަދި ކުލަބްގެ ކޮންޓްރެކްޓު ކުރިއަށް އޮތް ހަތަރު އަހަރަށް އާކޮށްފައި ވާކަމަށް ވެސް ފަލްކާއޯ ވަނީ ބުނެފަ އެވެ.
"އަހެރެން ދެން ކުލަބް ދުލެއް ނުކުރާނަން. ޕޯޓޯގެ ކުރިމަގާ މެދު އަހަރެން ވަރަށް ވިސްނަން. އަހަރެންގެ ނަން ބައިނަލްއަޤްވާމީ މީޑިއާތަކުގައި މަޝްހޫރު ވީވެސް ޕޯޓޯގައި ހުރުމުން،" މަންޒިލަކީ ވެސް ކޯޗް ވިލަސް ބައޮސްގެ މަންޒިލް، ކަމަށް ބުނެ ކުރިން ޗެލްސީއަށް ބަދަލުވާނެ ކަމަށް ބުނެފައިވާ ފަލްކާއޯ ބުންޏެވެ.
ޔޫރޮޕާ ލީގު ޗެމްޕިއަން ޕޯޓޯއަށް އެ މުބާރާތުގައި ކުޅުނު 14 މެޗުން ރެކޯޑަކާއިއެކު 17 ލަނޑު ކާމިޔާބުކޮށްދިން ފަލްކާއޯ ކުރިން މީޑިއާތަކުގައި ބުނެފައި ވަނީ، ދާނެ ވަކި ކްލަބެއް ހާމަ ނުކުރިނަމަވެސް ޕްރެމިއާ ލީގަށް ކުޅެން ބޭނުންވާކަމަށެވެ. ޕޯޓޯގެ ކުރީގެ ކޯޗް ވިލަސް ބައޮސް ވެސް ވަނީ ޗެލްސީއަށް ބަދަލުވެފަ އެވެ.
"އަހަރެން އިންތިހާއަށް ކުޅެން ބޭނުންވާ ކްލަބެއް އެބައޮތް. އެއީ އަހަރެންގެ ހުވަފެނީ މަންޒިލެއް. ސްޕެއިންއަކީ ރަނގަޅު ލީގެއް އޮތް ކްލަބެއް. އެކަމަކު އަހަރެން ބޭނުމީ ޕްރެމިއާ ލީގުގެ ކްލަބަކަށް ކުޅެން ބޭނުމީ. އެ ކްލަބަކީ ކޮން ކްލަބެއްކަމެއް މިވަގުތު ބުނެވޭކަށް ނެތް،" ކުރިން ފަލްކާއޯ މީޑިއާގައި ބުނެފައި ވެއެވެ.