22 Jun 2017, 10:13
ކުރީގެ ލޯބިވެރިޔާ އަދި ބަތަލާ ކެޓްރީނާ ކައިފް އާއެކު މަސައްކަތް ކުރުމަށް އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ދެމީހުން އެކުގައި ފެނިގެން ދާނެ ކަމަށް ރަންބީރު ކަޕޫރު ބުނެފިއެވެ.
ރަންބީރު އެހެން ބުނެފައި މިވަނީ، ރަންބީރު އާއެކު ދެން ދުވަހަކު ވެސް މަސައްކަތް ނުކުރާނެ ކަމަށް ކެޓްރީނާ ބުނެފައި ވަނިކޮށެވެ.
ދެމީހުން އެކުގައި ފެނިގެންދާ ފިލްމު 'ޖައްގާ ޖާސޫސް' ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން ކެޓްރީނާ ބުނެފައި ވަނީ ރަންބީރު އާއެކު މަސައްކަތް ކުރަން ވަރަށް އުނދަގޫ ކަމަށާއި ދެމީހުން އެކުގައި ފެނުމަކީ ދެން ދުވަހަކު ވެސް ނުވާނެ ކަމެއް ކަމަށެވެ.
ކެޓްރީނާ ނޫސްވެރިންނާ ދެއްކި ވާހަކަ އިންޑިއާގެ ބޮޑެތި ހުރިހާ ނޫހަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެހެން ނަމަވެސް ރަންބީރު ވަނީ ކެޓްރީނާ ދެއްކި ވާހަކަ އޮޅުވާލާފައިވާ ކަމަށް ބުނެފައެވެ.
ރަންބީރު ބުނީ އެކުގައި މަސައްކަތް ނުކުރާނެ ކަމަށް ކެޓްރީނާ ބުނެފައި ނުވާ ކަމަށެވެ.
ކެޓްރީނާއަށް ތައުރީފު ކުރަމުން ރަންބީރު ބުނެފައި ވަނީ ކެޓްރީނާ އާއެކު މަސައްކަތް ކުރުމަކީ ނުހަނު ފަސޭހަ ކަމެއް ކަމަށާއި ކެޓްރީނާގެ ސަބަބުން އޭނާ އަދާކުރާ ރޯލުތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާ ކަމަށެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ 'ޖައްގާ ޖާސޫސް' އަކީ ރަންބީރު އާއި ކެޓްރީނާ އެކުގައި ފެނިގެންދާ ހަތަރު ވަނަ ފިލްމެވެ. ރަންބީރު އަދި ކެޓްރީނާ ވަނީ މީގެ ކުރިން 'އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ'، 'ރާޖުނީތީ'، އަދި 'ބޮމްބޭ ޓޯކީސް' ގައި މަސައްކަތް ކޮށްފައެވެ.
ދެމީހުން ވަކިވީ ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުއެވެ. ދެމީހުންގެ މެދުގައި ނުތަނަވަސްކަން ބޮޑު ނަމަވެސް، ރަންބީރުގެ ވާހަކަތަކުން ދެމީހުންގެ ގުޅުން ރަނގަޅު ވަމުން އަންނަ ކަމަށް ބެލެވެއެވެ.