އީގްލްސްގެ ޕްރެކްޓިސްތަކަށް ހާޒިރު ނުވެ ފުޓްސަލް ކުޅެން ދިޔަ މައްސަލައަކާ ގުޅިގެން އެ ޓީމުގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) ރިހާމް އަބްދުލްގަނީ (ބޮބީ) އަދި ހަސަން ރާއިފް އަހްމަދު( ހަންނަ) ގޭގައި މަޑުކުރަން އެ ކުލަބުގެ މެނޭޖްމަންޓުން އަންގައިފި އެވެ.

އީގަލްސްގެ ޖެނެރަލް ސެކަރަޓަރީ މުވައްފިޒް ހާޝިމް (މުއްފަ) ވަނީ އެފަދަ މައްސަަލައެއް ބަލަމުންދާ ކަމަށާއި އެ ތިން ކުޅުންތެރިންގޭގައި މަޑުކުރަން އަންގާފައިވާކަން ސަން ސްޕޯޓްސްއަށް ޔަގީން ކޮށްދެއްވާފަ އެވެ.

މުއްފަ މިރޭ ސަން ސްޕޯޓްސްއަށް ވިދާޅުވީ އެ ތިން ކުޅުންތެރިންގެ މައްސަލަ އީގަލްސްއިން ބަލަމުންދާ ކަމަށާއި މައިގަނޑު ގޮތެއްގައި ބަލަމުންދަނީ ޓީމް ޕްރެކްޓިސްއަށް ފަރުވާ ކުޑަކޮށް ފުޓްސަލް ކުޅެން ދިޔުން ކަމަށެވެ.

"އެފަދަ މައްސަލައެއް ބަލަމުންދަނީ. ނަމަވެސް އަދި ވަކި ފިޔަވަޅެއް އަޅާކަށް ނުނިންމަން. ނަމަވެސް މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޭގަ މަޑުކުރަން އަންގާފައިވާނެ،"

މާދަމާ މާޒިޔާއާ ދެކޮޅަށް އީގަލްސް ނުކުންނައިރު އެ މެޗުން އެ ތިން ކުޅުންތެރިން ފެނިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން އެ ޓީމުގެ ކޯޗު އިހްސާން އަބްދުލް ގަނީ (ސާންތި) ބުނީ އެ ތިން ކުޅުންތެރިން ދެ ވަނަ ބުރުގެ ދެން އެއްވެސް މެޗަކުން ފެނުމަށް ވުރެ ގާތީ ނުފެނުން ކަމަށާއި އަހްލާގީ މައްސަލައަކާ ގުޅިގެން އެ ތިން ކުޅުންތެރިންނަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލާގެ އިތުރު ތަފްސީލް ދޭނީ ކުލަބުގެ މެނޭޖްމަންޓުން ކަމަށެވެ.

ތިން ހަފްތާއަށް ވުރެ ގިނަ ދުވަހަށް މާލޭ ލީގު މެދު ކަނޑާލާފައި އޮތް ދުވަސްވަރު އެ ތިން ކުޅުންތެރިން އަތޮޅު ތެރޭގައި އޮތް ބައެއް ފުޓްސަލް މުބާރަތް ތަކުގައި ކުޅެންދިޔުމާއި ގުޅިގެން އީގަލްސްގެ ބައެއް ފަރިތަ ކުރުންތައް އެ ކުޅުންތެރިންނަށް ގެއްލިފައިވާކަން ވަނީ ސަން ސްޕޯޓްސް އަށް ވަނީ އެނގިފަ އެވެ.

ފުޓްސަލް މުބާރަތްތަކަށް އެއްވަނަޑިވިޝަންގެ ކުލަބުތަކަށް ކުޅެމުން އަންނަ ކުޅުންތެރިން ގަވައިދާ ހިލާފަށް ކުލަބުތަކަށް ގެއްލުންވާ ގޮތަށް ދިޔުމާ ގުޅިގެން މީގެ ކުރިން ބައެއް ކުލަބުތަކުން ވަނީ އެ ކުލަބުގެ ކުޅުންތެރިންނާ މެދު ފިޔަވަޅު އަޅާފަ އެވެ.