21 Jun 2017, 22:44
ސަޢޫދީ ޢަރަބިއްޔާގެ އާ ވަލީއަޙުދުގެ މަގާމަށް ހިޒް ރޯޔަލް ހައިނެސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު ޢައްޔަނު ކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާގެ އާ ވަލީއަޙުދުގެ ދައުރުގައި، ސަޢޫދީ ޢަރަބިއްޔާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ތަރައްގީ ލިބޭނަކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެ އެވެ. މިގޮތުން، ދުނިޔޭގެ ވިޔަފާރީގެ ގަދަބާރެއްގެ ގޮތުގައާއި، އިސްލާމީ އުއްމަތް އެއްބައިވަންތަކޮށް ހަރުދަނާ ކުރުމުގަ އާއި ސަރަހައްދީ ގޮތުންނާއި ދުނިޔޭގެ ސުލްހަ ޤާއިމް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތެއްގެ ގޮތުގައި ސަޢޫދީ ޢަރަބިއްޔާ ފާހަގަ ކުރައްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާ އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.