16 Jul 2011, 13:16
ސަންގްރިއްލާގެ ޓްރޭޑާޒް ހޮޓެލްއިން ދިވެހިންނަށް ހާއްސަ ކޮށްގެން ވެޑިން ޕެކޭޖް ތަކެއް ތައާރަފް ކޮށްފި އެވެ.
ޓްރޭޑާޒް ހޮޓެލްގެ ވެޑިން ޕެކެޖްތައް ދިވެހިންނަށް އަމާޒުކޮށް ތައާރަފްކުރީ އިއްޔެ އެ ހޮޓަލުގެ ބޯލް ރޫމްގައި ބޭއްވި ވެޑިން ފެއާގަ އެވެ. ޓްރޭޑާޒްގެ ވެޑިން ފެއާގައި ކައިވެނި ޕާޓީތައް އިންތިޒާމްކޮށް ދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ މަޝްހޫރު ފަރާތްތައް ބައިވެރިވި އެވެ.
ޓްރޭޑާޒް ހޮޓެލްގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖާ އައިޝަތު ހާމިދު ވިދާޅުވީ މަގުބޫލު ޕާޓްނަރުންނާއެކު ދިވެހިންނަށް ތައާރަފް ކުރި ކައިވެނި ހަފްލާގެ ޕެކޭޖްތަކަކީ އަގު ހެޔޮ، ހިދުމަތް ރަނގަޅު ޕެކޭޖްތަކަކަށް ވެގެން ދާނެ ކަމަށެވެ.
"ޕެކޭޖެއްގައި ވެސް ހިމެނިފައި ހުންނާނީ ތަން ޑިޒައިން ކުރުމުން ފެށިގެން ކައިވެނީގެ ހަފުލާ އާއި ގުޅޭނެ ހުރިހާ ހިދުމަތްތަކާއެކު. މިއީ ހެޔޮ އަގެއްގައި ރަނގަޅު ކައިވެނީގެ ހަފްލާއެއް ބޭއްވޭނެ ރަނގަޅު ފުރުސަތެއް،" އައިޝަތު ހާމިދު ވިދާޅުވި އެވެ.
ދިވެހިންނަށް ހާއްސަ ކައިވެނި ހަފްލާގެ ޕެކޭޖްތަކުގައި ބޮލަކަށް ނަގަނީ 25 ޑޮލަރެވެ. އަދި ޕެކޭޖްތަށް ހުންނަނީ ކުލަތަކަށް ހާއްސަކޮށްފަ އެވެ. އެއިން ކޮންމެ ކުލައެއްގެ ޕެކެޖެއްގައި އަގު ހަދާފައި ހުންނަނީ އެބަޔަކު ބޭނުންވާ ގޮތެއް ހުށަހެޅުމުގެ އެގޮތެއްގެ މައްޗަށް ބަލައިގެނެވެ.
ޓްރޭޑާޒްގެ ކައިވެނީގެ ޕެކެޖުގައި ދެމަ ފިރިންނަށް ފުރަތަމަ ރޭ އެ ހޮޓަލުގައި ރޭ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުންޏެވެ.
މިއަދުގެ ނިޔަލަށް އޮންނަ ވެޑިން ފެއާގައި ރަޖިސްޓާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތަކަށް ސަންގްރިއްލާ ވިލިނގިލީ ރިސޯޓްގައި ނުވަތަ ޓްރޭޑާޒް ހޮޓެއްލްގައި ދެ ރޭ ހޭދަކުރުމުގެ ފުރުސަތު ދޭން ވެސް ވަނީ ހަމަޖައްސައިފަ އެވެ.