21 Jun 2017, 13:51
ބަނގުލަދޭޝުން ރާއްޖެ ގެންނަ މަސައްކަތު މީހުންގެ ކުށުގެ ރެކޯޑާއި ސިއްހީ ހާލަތަށް ބެލުމަށްފަހު ނޫނީ އެމީހުން ރާއްޖެ ނުގެނެވޭގޮތަށް އަންނަ މަހު އަމަލުކުރަން ފެށުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިއަދު ސަންއަށް ވިދާޅުވީ، އަލަށް އަމަލުކުރަން ފަށާ، މޯލްޑިވްސް އިމިގްރޭޝަން ޑިޕާޗާ ސްކްރީނިންގ ސިސްޓަމްގެ ދަށުން، ބަނގުލަދޭޝުން ރާއްޖެ އަންނަ މަސައްކަތު މީހުންނަށް ރާއްޖެ އެތެރެވެވޭނީ، ކުށުގެ ރެކޯޑްތައް ބެލި، އިމިގްރޭޝަނުން ގަބޫލްކުރާ، އެގައުމުގެ ހޮސްޕިޓަލެއް މެދުވެރިކޮށް ހަދާފައިވާ މެޑިކަލް ޓެސްޓްތަކަކުން ފާސްވެގެން ކަމަށެވެ.
ބަނގުލަދޭޝުން ގެންނަ މަސައްކަތު މީހުންނަށް ފުރަތަމަ އެ ގަވައިދު ތަންފީޒުކުރަން ފަށާއިރު ކުރިއަށް އޮތްތަނުގައި އެހެން ގައުމުތަކުން އަންނަ މަސައްކަތު މީހުންވެސް އެ އުސޫލުގެ ދަށުން ސްކުރީން ކުރަން ނިންމާފައިވާކަމަށް ޚަލީލް ވިދާޅުވިއެވެ.
"މިހާރު މިއޮންނަ ސިސްޓަމުން ނޭނގެ މިއަންނަނީ ކޮންކޮން ބައެއްކަމެއް. މި ސިސްޓަމްގެ ދަށުން ބެކްގްރައުންޑް އަދި ހެލްތު ސްކްރީނިންގ ހެދޭނެ. އެހެންވީމަ ރާއްޖެ އަންނަނީ ކާކުކަމާއި ނުރައްކާތެރި މީހެއްތޯ ބަލައި ހެދޭނެ،" ޚަލީލް ވިދާޅުވިއެވެ.
އެކަންކަން ކުރުމަށް ބިޑްކޮށްގެން ބަނގުލަދޭޝްގެ ކުންފުންޏެއް ހޯދާފައިވާ ކަމަށާއި އެކުންފުނި މޮނީޓާކުރުމަށް ދިވެހި އިމިގްރޭޝަންގެ މުވައްޒަފުން ބަނގުލަދޭޝްގައި ތިބޭނެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.
އަލަށް ގެނެވުނު ބަދަލާއެކު އެ ކުންފުންޏަކަށް ގެންނަ ބިދޭސީމީހާގެ މައުލޫމާތު އޮންލައިންކޮށް ބަލައިލުމުގެ ފުރުސަތު އެ ކުންފުންޏެއްގެ ވެރިންނަށް ލިބޭއިރު އަންނަ މަހު 10 ވަނަ ދުވަހުން ފެށިގެން އެޖެންސީތަކާއި ކުންފުނިތަކުގެ މީހުން އެކަމަށް ތަމްރީނުކުރަން ފަށާނެކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި އެއަށްފަހު އަންނަ މަހު ފަހުކޮޅު އެ ގަވައިދަށް އަމަލުކުރަން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެހިގެން ދިއުމުން އެ ބިދޭސީއަކަށް ވެސް އޭނާ ރާއްޖެ އައުމުން ލިބޭނެ މުސާރައާއި ހަމަޖެހިފައިވާ އެހެނިހެން ކަންކަން އެނިގެންދާނެ ކަމަށް ޚަލީލު ވިދާޅުވިއެވެ. އެ އުސޫލާއެކު، ކުށްކުރާ ބިދޭސީންގެ އަދަދު މަދުވުމާއި ނުގަވައިދުން އުޅޭ ބިދޭސީންގެ އަދަދު މަދުކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު އޮންނަ އުސޫލުގެ ދަށުން ބިދޭސީން ރާއްޖެއައިސް ހެލްތު ޓެސްޓުތައް ހަދާއިރު މެޑިކަލް ފިޓްނުވެގެން މަހެއްގެ މައްޗަށް 50 އާއި 60 އެއްހާ ބިދޭސީން އަނބުރާ ފޮނުވާލަންޖެހޭކަމަށް އިމިގުރޭޝަނުން ބުނެއެވެ.
ނުގަވައިދުން އުޅޭ ބިދޭސީން ގިނަވުމާއި ރާއްޖެ އެތެރެކުރާ ބިދޭސީން ސްކްރީން ކުރެވޭނެ ގޮތެއް ނެތުމުން ރާއްޖޭގައި ކުށްކުރާ ބިދޭސީންގެ އަދަދު ވަނީ ވަރަށް އިތުރުވެފައެވެ.