21 Jun 2017, 13:40
ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން މެންޗެސްޓާ ޔުނައިޓެޑަށް ގެނައުމުގެ މަސައްކަތް ހުއްޓާލާފައި އޭގެ ބަދަލުގައި ރެއާލް މެޑްރިޑްގެ އަލްވާރޯ މޮރާޓާ ގެނައުން މާ ރަނގަޅުކަމަށް ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން މޮރީނިއޯ ވަނީ، ރޮނާލްޑޯގެ މަތިން ހަނދާން ނައްތާލާފައި މޮރާޓާއަށް ބިޑްކުރުމަށް ކްލަބުގެ ސީނިއަރ އޮފިޝަލުންގެ ކިބައިން އެދިފައެވެ.
ޓެކްސް މައްސަލައިގައި ރެއާލް މެޑްރިޑާއި ސްޕެއިން ދޫކޮށް އެހެން ދިމާއަކަށް ދިއުމުގެ ވިސްނުން ގެންގުޅޭކަން ރޮނާލްޑޯ ހާމަކުރިފަހުން އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ކްލަބަކީ، އޭނާ ސްޓާރ ޕްލޭޔަރަކަށް ހަދައިދިން މެންޗެސްޓާ ޔުނައިޓެޑެވެ.
އެހެން ނަމަވެސް، މޮރީނިއޯގެ ވިސްނުން ހުރީ، އެ ކްލަބުން މިފަހަރު ދޫކޮށްލި ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗްގެ ބަދަލުގައި އެޓީމަށް ގެނައުން އެންމެ ރަނގަޅު ކުޅުންތެރިއަކީ މޮރާޓާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔުނައިޓެޑަށް ރޮނާލްޑޯ ގެންނަން ބޭނުން ނަމަ 175 މިލިއަން ޕައުންޑު ހޭދަކުރަން ޖެހޭއިރު، މޮރާޓާއަށް ހޭދަކުރާން ޖެހެނީ ގާތްގަނޑަކަށް 65 މިލިއަން ޕައުންޑުގެ ފީއެކެވެ. މީގެ އިތުރުން މޮރާޓާ ވަނީ، ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ ރެއާލްގެ ޓީމުން ޖާގަ ލިބޭލެއް މަދުކަމުން އެ ކްލަބު ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުން ގެންގުޅޭކަން ހާމަކޮށްފައެވެ.
ރެއާލް މެޑްރިޑާއެކު މޮރާޓާ ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރު 26 މިލިއަން ޕައުންޑުގެ ފީއަކަށް އާކޮށްފައި ވީ ނަމަވެސް އޭނާއަށް މިދިޔަ ސީޒަންގައި ރެއާލްގެ ޓީމުން ޖާގަ ލިބުނީ އެންމެ 14 މެޗުންނެވެ. އޭނާ ވަނީ 15 ލަނޑު ކާމިޔާބުކޮށްފައެވެ.
ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ރޮނާލްޑޯއާއި މޮރާޓާ ހޯދަން ހޭބޯނާރައި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ރެއާލްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް ވަނީ، އެއިން އެއްވެސް ކުޅުންތެރިއެއް ދޫކޮށްލަން އަދި އެ ކްލަބުން ނިންމާފައި ނުވާކަމަށް ވިދާޅުވެފައެވެ.
"މި ހިނގާ ސަމަރ ޓްރާންސްފަރ ގައި އަހަރެމެންނަށް އަދި އެއްވެސް ދިމާއަކުން ހުށަހެޅުމެއް ނުލިބޭ،" އޮންޑަ ސެރޯ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ޕެރޭޒް ވިދާޅުވިއެވެ.
"ރޮނާލްޑޯއަށް ވެސް، މޮރާޓާއަށްވެސް އަދި ހަމޭ ހޯދަންވެސް އެއްވެސް ފަރާތަކުން އަދި ހުށަހެޅުމެއް ނުލިބޭ.
ޕެރޭޒް ވިދާޅުވީ، ރެއާލްގައި މިވަގުތު އޮތީ ވަރުގަދަ ޓީމެއް ކަމަށާއި އަދި ވަގުތު ޖެހޭއިރު މިހާރު އޮތް ޓީމަށްވުރެވެސް ވަރުގަދަ ޓީމެއް ފެނިގެން ދާނޭ ކަމަށެވެ.