21 Jun 2017, 12:51
"އޭޝިއަން މެންސް ކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕް"ގައި ރާއްޖެ ތަމްސީލް ކުރާ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޓީމު އެ މުބާރަތަށް ވިއެޓްނާމަށް ފުރުމުގެ ކުރީން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
ވިއެޓްނާމްގައި މި މަހުގެ 28 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މުބާރަތަށް މޯލްޑިވިއަން ކޮލިފައިވީ ރާއްޖޭގެ ގައުމީ މުބާރާތުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.
އިއްޔެ ވޮލީބޯޅަ އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި އަހަރު އެ އެސޯސިއޭޝަނުން ކުރިއަށްގެންދިއުމަށް ރޭވިފައި ހުރި ކަންތައްތަކުގެ މައުލޫމާތު ދެއްވަމުން، އެ އިދާރާގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ 25 ވަނަ ދުވަހު މޯލްޑިވިއަންގެ ވޮލީބޯލް ޓީމު، ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ފުރާނެ ކަމަށާއި އުންމީދަކީ ރަނގަޅު ނަތީޖާއެއް ހޯދުން ކަމަށެވެ.
ލަތީފް ވިދާޅުވީ މޯލްޑިވިއަން ޓީމުގެ ތައްޔާރީތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި ވީއޭއެމްއިން އެޓީމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
ކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މޯލްޑިވިއަން ވާދަކުރަންޖެހޭނީ އީރާން، ތައިލެންޑް އަދި ޗައިނީޒް ޓައިޕޭ ޓީމް ތަކާއެވެ.
އެ މުބާރަތުގައި އޭޝިއާގެ 14 ގައުމަކުން ޓީމްތައް ބައިވެރިވާއިރު މިއީ ދުވަސްތަކަކަށް ފަހު ރާއްޖެއަށް ބައިނަލްއަގުވާމީ ކުލަބް ވޮލީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ލިބިގެންދިޔަ ފަހަރެވެ. މީގެ ކުރިން މިފަދަ ބައިނަލްއަގުވާމީ ކްލަބް މުބާރަތެއްގައި ވާދަކޮށްފައިވަނީ ދިވެހި ސިފައިންގެ ކުލަބެވެ.