20 Jun 2017, 20:05
ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކާ ގުޅޭ އިތުރު ގާނޫނުތަކެއް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަނިލް ވިދާޅުވީ މިހާރުވެސް ދައުލަތަށް ފައިސާ ދައްކަންޖެހޭ ވަރަށްގިނަ ފަރާތްތައް އެބަތިބިކަމަށާއި ނަމަވެސް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިފެއިވާ ކަމަށެވެ.
އެކަން ހައްލު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ދަނީ ކަމާ ގުޅުންހުރި ބިލްތަކެއް ޑްރާފްޓްކުރަމުން ކަމަށް އަނިލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގާނޫނީ ނިޒާމުގައި ހުރި ބަލިކަށިކަމެއްވެސް އެބަހުރި އިނގޭތޯ. އެކަމަށްޓަކައި ހައްލުތަކެއް ހޯދުމަށްޓަކައި ސަރުކާރުންވެސް އިސްނަގައިން މަސައްކަތްތަކެއް ކުރަން. އެގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު މިދަނީ މަސައްކަތް ކުރަމުން އިންސޮލްވެންސީ ލޯ އަކާ ބޭންކްރަޕްސީ ލޯއެއްގެ ޑްރާފްޓް ކުރުމުގެ މަސައްކަތް. އެދެ ގާނޫނުވެސް އަޅުގަނޑުމެން ވަރަށް އަވަހަށް އުންމީދުކުރަން ރައްޔިތުން މަޖިލީހަށް ހުށައެޅޭނެކަމަށް" މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިލް ވިދާޅުވިއެވެ.
އަނިލް ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރާ އެއް މަސައްކަތަކީ ކުންފުނިތަކާއި އެކިއެކި ފަރާތްތަކުން ދައުލަތުގެ އެކި މުއައްސަސާތަކަށާއި ދައުލަތަށް ދައްކަން ޖެހި ނުދައްކާހުރި ފައިސާ ހޯދުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ފިނޭންސް މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ފައިސާ ހޯދުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނިލް ފާހަގަ ކުރެއްވި ގޮތުގައި މިއަހަރުގެ މިހާތަނަށް އައިއިރު މީރާއިން ވަނީ ފައިސާ ހޯދުމުގެ ގޮތުން 1800 އަށް ވުރެ ގިނަ ފިޔަވަޅު އެކިފަރާތްތަކާ ދެކޮޅަށް އަޅާފައެވެ. އަދި ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަނައަޅާ ދިޔަ ފަހުންވެސް ފައިސާ ދައްކާފައިނުވާތީ 17 ކުންފުންޏެއްގެ އެކައުންޓް ފްރީޒްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފައިސާ ނުދައްކައިގެން ފްރީޒްކޮށްފައިވާ 17 ކުންފުނީގެ ތެރެއިން 14 ކުންފުންޏެއްގެ މައްސަލަ މިހާރު އޮތީ ޝަރުއީ މަރުހަލާގައެވެ.
އެ 14 ކުންފުނިން ދައުލަތަށް ޖުމުލަ 4.5 ބިލިއަން ރުފިޔާ ލިބެންޖެހޭކަމަށްވެސް އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.