20 Jun 2017, 20:49
ރާއްޖޭގެ އެންމެ ދުވަސްވީ މުވާސަލާތީ ކުންފުނި، ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށްދީފި އެވެ.
އެ ކުންފުނިން ހަދިޔާ ކުރީ ކުޑަކުދިންގެ ހިޔާގައި ގާއިމުކޮށްފައިވާ ކޮމްޕިއުޓާ ލެބުގައި ބޭނުން ކުރުމަށް އިތުރު ކޮމްޕިއުޓާ ސިސްޓަމްތަކަކާއި އެ ތަނުގެ ލައިބްރަރީއަށް ބޭނުންވާ ބައެއް ފޮތްތަކެވެ.
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން އެ ތަކެތި ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްދެއްވީ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ. ކުޑަކުދިންގެ ހިޔާގެ ފަރާތުން މިތަކެއްޗާ ހަވާލުވެފައި ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕާމަނަންޓް ސެކެޓްރީ އާމިނަތު ޝިފާނާއެވެ.
ދިރާގުން ބުނި ގޮތުގައި ދިރާގުގެ އިޖްތިމާއީ ޒިންމާގެ އެއްތަނބުކަމަށްވާ މުޖްތަމައުގެ ދަށުން ކުޑަކުދިންގެ ތައުލީމާއި ސިއްހަތު އަދި ކުރިއެރުމަކީ އެ ކުންފުނިން ބޮޑު އިސްކަމެއްދޭ ކަމެކެވެ. އަދި މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ކުޑަކުދިންގެ ހިޔާއަށް އެހިތެރިކަން ފޯރުކޮށްދީފައެވެ.
އޭގެ ތެރޭގައި އެތަނުގެ ބައެއް މުދައްރިސުންގެ ހަރަދުގެ އިތުރުން 2008 ވަނަ އަހަރުން ފެށިގެން ޕޭރަންޓަލް ކޮންޓްރޯލާއިއެކު ހިލޭ އިންޓަނެޓް އެ މަރުކަޒަށް ފޯރުކޮށްދެ އެވެ. ހަމައެފަދައިން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ މަރުކަޒު ފިޔަވަތީގައި ވެސް ދިރާގުންވަނީ ކޮމްޕިއުޓަރ ލެބެއް ގާއިމް ކޮށް ހައިސްޕީޑް އިންޓާނެޓް ވެސް ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން ވެސް، ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގުގެ ދަށުން ބާއްވާ ރޭހެކެވެ. މީގެ އިތުރުން، ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީ ވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.