ކުރިއަށް އޮތް ފަސް އަހަރަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނެއް އެކުލަވައިލަން ކަމާބެހޭ ފަރާތްކާއެކު މާލޭގައި މިއަދު ވޯކް ޝޮޕެއް ފަށައިފި އެވެ.

މިއީ އިލެކްޝަންސް ކޮމިޝަނުން ސްޓްރެޓެޖީކް އެކްޝަން ޕްލޭނެއް އެކުލަވައިލާ ފުރަތަމަ ފަހަރެވެ. މި އެކްޝަން ޕްލޭނަކީ 2011 އިން 2015 އާ ހަމައަށް އަމަލު ކުރާނެ ޕްލޭނެކެވެ.

އިލެކްޝަން ކޮމިޝަންގެ ތަސައްވަރު ކަނޑައަޅާ ޕްލޭނަކީ ގާނޫނީ ގޮތުން އިލެކްޝަނާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތެއްގައި އަދާކުރެވޭނެ ގޮތްތައް ހޯދައި އެ ކަންތައްތަކަށް ޢަމަލީ ސިފަ ގެނައުން ކަމަށް ނަސަންދުރަ ޕެލަސް ހޮޓެލްގައި ވޯކޮޝޮޕް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަނުން ބުންޏެވެ.

ކޮމިޝަންގެ ރައީސް ފުޢާދު ތައުފީގް މިއަދު ވިދާޅުވީ ވޯކްޝޮޕުގެ ނިންމުންތަކާ ގުޅިގެން ބައެއް ގާނޫނު ތަކަށް އިސްލާހު ގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި ގާނޫނީ ގޮތުން ބައެއް ކަންތައްތައް އެކުލަވައިލަން ޖެހުން ވެސް އެކަށީގެންވާ ކަމަށެވެ.

މިހާރު ގާނޫނުތައް ހަދާފައި ހުރި ގޮތުން އެޑްވާންސްކޮށް ވޯޓުލުމާއި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމުން ވޯޓުލުން ފަދަ ކަންތައްތައް ކުރިއަށް ނުގެންދެވޭ ކަމަށާއި ނަމަވެސް މި ވޯކޮޝޮޕްގައި އެކަމަށް މަގު ފަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިކަމަށް ރައްޔިތުން ތައްޔާރުވެފައި ހުރި މިންވަރު ވޯކްޝޮޕުން އެނގިގެންދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"ހަމައެކަނި އިލެކްޝަންސް އިން ބޭނުމެއްނުވޭ އަޅުގަނޑުމެންނަށް އެންމެ ފުރިހަމަ ކަންތައްތައް ކަމަށް ފެންނަ ކަންތައްތަކެއް އެނގިފައިވިޔަސް ފެނިފައިވިޔަސް އެކަންތައްތަކައިގެން ކުރިއަށްދާ ކަށް. މިކަމުގައި ޝާމިލްވާ އެހެން ފަރާތްތަކުގެ ވިސްނުން ހުރި ގޮތެއް ބެލުމަށްފަހު ނޫނީ،" ފުއާދު ވިދާޅުވި އެވެ.

އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަކަށް ގޮސްފިނަމަ މިހާރަށް ވުރެ ޚަރަދު ކުޑަ ވާނެ ކަމަށާއި އަދި ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ޚަރަދު ކުޑަ ވޯޓިން ސިސްޓަމަކަށް ދާން މަޖިލީހުގެ މެންބަރުން ވެސް ބޭނުންފުޅުވާ ކަމަށް ފުއާދު ވިދާޅުވި އެވެ.

"މިހާރު ގާނޫނު އޮންނަ ގޮތުން ވެއްޖިއްޔާ އެޑްވާންސްކޮށް ވޯޓު ދިނުން. މިސާލަކަށް ވޯޓުލާން ދުވަސް ކައިރިވެފައި ވަނިކޮށް ޒަރޫރީ ބޭނުމަކަށް ތަނަކަށް ދާން ޖެހިއްޖެނަމަ އޭނަ އަށް އެޑްވާންސް ކޮށް ވޯޓުލެވޭ ގޮތަށް ބައެއް ގައުމުތަކުގައި އެބަ ހުއްދަ ކުރޭ. އެކަމަކު އެންމެންގެ ވޯޓު ގުނާ ދުވަހު އޭނަގެ ވޯޓު ވެސް ގުނާނީ،" ފުއާދު ވިދާޅުވި އެވެ.