20 Jun 2017, 14:41
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާއެކު އެ ކްލަބުން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމަށް ދެފަރާތުން މަޝްވަރާތަކެއް ކޮށް އެއްބަސްވުމަކަށް އާދެވިފައި ވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިދިޔަ ސީޒަންގައި ޗެލްސީއާ ގުޅުނު އިޓަލީއަށް ނިސްބަތްވާ ކޯޗާއެކު އެ ކްލަބުން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާން އަދިވެސް ބާކީ ދެއަހަރު އެބައޮތެވެ. އެހެން ނަމަވެސް، އެންމެ ފަހުގެ ޕްރިމިއަރ ލީގު ޗެމްޕިއަންނުން ވަނީ، އެ ކްލަބާއެކު ކޮންޓޭ ހޭދަކުރި ފުރަތަމަ އަހަރުގެ ކާމިޔާބީގެ އަގުވަޒަންކޮށް، އޭނާއަށް އިތުރު ދައުރެއް ދިނުމަށް ނިމާފައި ކަމަށް ސްކައި ސްޕޯޓްސްގެ ރިޕޯޓުތައް ބުނެއެވެ.
އަލަށް އެކުލަވައިލާ އެއްބަސްވުމުގެ ދަށުން ކޮންޓޭއަށް އަހަރެއްގެ ތެރޭގައި 9.5 މިލިއަން އާއި 10 މިލިއަން ޕައުންޑާ ދެމެދުގެ އުޖޫރައެއް ލީބޭނޭކަމަށް ވެއެވެ. އެހެންކަމަށް ވެއްޖެ ނަމަ މިއީ ޗެލްސީގެ ތާރީޚުގައިވެސް ކޯޗަކަށް ދޭ އެން ބޮޑު މުސާރައަށް ވެގެން ދާނެއެވެ.
ސްކައި ސްޕޯޓްސްއިން ބުނީ، އެ ޚަބަރު ކަށަވަރުކުރުމަށް ޗެލްސީއަށް ގުޅުމުން އެކަމާ ގުޅޭގޮތުން ކޮމެންޓެއް ކޮށްފައި ނުވާ ކަމަށެވެ.
މިފަހަރުގެ ޓްރާންސްފަރ މާކެޓްފައި ޗެލްސީން މާބޮޑު ހަރަކާތްތެރިކަމެއް ނެތުމުގެ ސަބަބުން ކޮންޓޭ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށާއި އަދި ޗެލްސީ ދޫކޮށްލަން އޭނާ ނިންމި ކަމަށްވެސް މީގެ ކުރީން އަޑުތައް ފެތުރުނެވެ.