އަންނަ އަހަރުގެ ދިވެހި ލީގް ފުޓްބޯޅަ މުބާރާތައް ކޮލިފައިވުމަށް ކުޅޭ "ދިވެހި ލީގް ކޮލިފައިން" ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށާނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ފަށާ މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ދިރާގް ދިވެހި ލީގް ފުޓް ބޯޅަ މުބާރާތުގެ ދެވަނަ ބުރު ނިންމާލި އިރު، ގަދަ ހައެއްގައި ލައްވާނުލި ވިޔެންސާއާއި ދެވަނަ ޑިވިޒަންގެ ކުރި ހޯދި ހުއްރިއްޔާ ސްޕޯޓްސް ކްލަބް )ހުރާ( އެވެ.

މެޗަށް ނިކުތުމުގެ ކުރިން ވިޔެންސާގެ މެނޭޖަރު މުހައްމަދު އަމްޖަދު )އަމްޖޭ( ބުނީ، މެޗަށް ޓީމް ނުކުންނާނީ މޮޅަށް ކުޅެ މެޗް ކާމިޔާބު ކުރުމުގެ އަޒުމުގައި ކަމަށާއި މެޗަށް ނުކުންނައިރު ޓީމްގައި އެއްވެސް ސީރިއަސް އަނިޔާއެއް ނެތް ކަމަށެވެ.

"އުންމީދަކީ ރެލިގޭޝަންގެ ފުރަތަމަ މެޗް މިއަދު ކާމިޔާބު ކުރުން. މެޗަށް ތައްޔާރު ވުމަށް ޓީމްގެ ފަރިތަކުރުން ތައް ދިޔައީ ވަރަށް ފުރިހަމައަށް. އަނިޔާގެ މައްސަލައެއް ނެތް،" އަމްޖޭ ބުންޏެވެ.

ހުރާއާއި ވިޔެންސާގެ އިތުރުން މި މުބާރާތުގައި ވާދަކުރާ އަނެއް ޓީމް ތަކަކީ ދެވަނަ ޑިވިޒަންގެ ރަނަރަޕް ޔުނައިޓެޑް ވިކްޓަރީ އަދި ދިވެހި ލީގުގެ ގަދަ ހަޔަކުން ކެޓި އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އެވެ.