20 Jun 2017, 13:44
ބާސެލޯނާގެ ތަރި ލިއޮނަލް މެސީ، ސަންތިއާގޯ ބެރްނަބެއުއަށް ގެނައުމަކީ ރެއާލް މެޑްރިޑްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް ވަރަށް ބޭނުންވި ކަމެއް ކަމަށް ވިދާޅުވެ އެހެން ނަމަވެސް އެކަން ކާމިޔާބު ނުވި ސަބަބު އޭނާ ހާމަކުރައްވައިފިއެވެ.
އުމުރުން އެންމެ 13 އަހަރުގައި ބާސާއާ ގުޅުނު މެސީ ވަނީ މިހާތަނަށް އެ ކްލަބާއެކު ލަ ލީގާ އަށް ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހޯދައިފައެވެ.

ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ، ރެއާލަަށް ގެންދިއުމަކީ އެ ކްލަބުގެ ޕްރެޒިޑެންޓް ފްލޮރެންޓް ޕެރޭޒްގެ ވަރަށް ބޮޑު ހުވަފެނެއް --
ޕެރޭޒް ވިދާޅުވީ، އާޖެންޓީނާގެ ކެޕްޓަން މެސީ ސަންތިއާގޯ ބެރްނަބެއުއަށް ގެނައުމަކީ އޭނާ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އެހެން ނަމަވެސް ރެއާލަށް މެސީ ގެނައި ނަމަވެސް އާޚިރުގައި އެކަން ވެގެންދާނީ ބޭކާރު ކަމެއްގެ ގޮތުގައި ކަމަށެވެ. ސަބަބެއް ކަމުގައި ޕެރޭޒް ވިދާޅުވީ، މެސީގެ އެންމެ ޅައުމުރުން ފެށިގެން އޭނާ ތަރުބިއްޔަތުވެ ތަމްރީނު ވެފައި ވަނީ ރެއާލާ އެންމެ ވާދަވެރި ބާސެލޯނާގައި ކަމަށްވާތީއެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް --- ފޮޓޯ/ ގެޓީ އިމޭޖަސް
"މެސީ މެޑްރިޑަށް ގެންނަން އަހަރެމެން ވަރަށް ބޭނުން،" ޕެރޭޒް ވިދާޅުވިއެވެ.
"އެކަމަކު އޭނާއަކީ ބާސާގެ ޔޫތުން ޓީމުން އުފެދުނު ކުޅުންތެރިއެއް، އެހެންކަމުން އެކަމެއް ނުވާނެ."
މެސީ ބާސާއަށް ބަދަލުވީ، 2001 ވަނަ އަހަރު އާޖެންޓީނާގެ ނެވެލްސް ބޯއީޒް އިންނެވެ.
މެސީ ވަނީ، 2004 ވަނަ އަހަރު ބާސާގެ ސީނިއަރ ޓީމަށް އޭނާ ފުރަތަމަ ފަހަރަށް ކުޅުމުގެ ކުރީން އެ ކްލަބުގެ ޖޫނިއަރ، ސީ ޓީމާއި ބީ ޓީމަށްވެސް ކުޅެފައެވެ.