މާލެއިން ޔޫކްރެއިން އަންހެންގެ އަތްދަބަސް ފޭރިގެންފި އެވެ.

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ އެ އަންހެން މީހާގެ އަތްދަބަސް ފޭރިގެންފައިވާކަން އޭނާ ވަނީ، ފޭސްބުކްގައި ޕޯސްޓު ކޮށްފަ އެވެ. ލީނާ ކިސްލަޔާ ނަމަކަށް ކިޔާ އެ އަންހެން މީހާ ބުނެފައިވަނީ އޭނާގެ އަތްދަބަސް ފޭރިގެންފައިވަނީ އިއްޔެ އިރުއޮއްސި 18:20 އެހައިކަންހާއިރު ކަމަށެވެ.

އޭނާގެ އަތުން ފޭރިގެންފައިވަނީ ދެ ފިރިހެނުން ކަމަށް ލީނާ ކިސްލަޔާ ބުންޏެވެ. އަދި އެ ދަބަހުގައި އޭނާގެ ފޯނާއި، ފައިސާގެ އިތުރުން ވޯކް ޕާމިޓްވެސް އޮންނާނެ ކަމަށް ފޭސްބުކްގައި އެ އަންހެން މީހާ ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޔޫކްރެއިން އަންހެނެއްގެ އަތުން ފޭރުނު މައްސަލައެއް އިއްޔެ 18:35 ގައި ހުށަހަޅާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، އެމީހާގެ އަތުން އަތްދަބަސް ފޭރިގެންފައިވަނީ ސައިކަލެއްގައި ދިޔަ ދެ ފިރިހެނުން ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ސަލަ ތައި ރެސްޓޯރެންޓް ކައިރިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.