ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެއް ކަމަށާއި ރޯދަ މަހު މީޑިޔާތައް ޕްރޮމޯޓްކުރަން ފާހިޝް ކަންތައްތަކަށް މަގުފަހި ނުކުރުމަށް އައް ޝެއިޚު އިލްޔާސް ހުސައިން ގޮވާލައްވައިފި އެވެ. ޝެއިޚު އިލްޔާސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ހުޅުމާލޭގައި ރޭ ދެއްވި ދަރުސެއްގަ އެވެ.

ރޯދަމަސް އައުމުން ތައްޔާރުވަނީ "އެހާރާއިމިހާރާ"އި "ބައިބަލާ" އާއި "ވާދެމުން" ފަދަ ކަންތައްތައް ކުރުމަށް ކަމަށާއި ޑްރާމާތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދަން މިހާރުން ފެށިގެން އިއުލާނުކުރަމުންދާ ކަމަށް ވެސް ޝައިޚު އިލްޔާސް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑު މީޑިޔާގެ މީހުންނަށް އިލްތިމާސްކޮށް ދަންނަވާލަން ބޭނުންވަނީ ތިމަންމެންގެ މީޑިޔާ ޕްރޮމޯޓްކުރުމަށްޓަކައި ފާހިޝް ކަންތައްތަކަށް މަގުފަހި ނުކުރާށޭ، ﷲއަށް ބިރުވެތިވެވަޑައިގަންނަވާށޭ،" ޝައިޚު އިލްޔާސް ވިދާޅުވި އެވެ.

އަދާލަތުޕާޓީގެ ހުޅުމާލޭ ގޮފިން ރޭ ހުޅުމާލޭ ސްޓޭޖް ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚު އިލްޔާސް ވިދާޅުވީ، ރަމަޟާން މަހުގެ ހެއުކަން ލިބިގަތުމުގެ ބަދަލުގައި ރާއްޖޭގެ މީޑިޔާތަކުން އެމަހަށް ތައްޔާރު ވަނީ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދުވަސްތަކަށް ރޯދަމަސް ހަދަން ކަމަށެވެ.

"ޒުވާނުން ތައްޔާރުވަނީ ﷲގެ ރަހުމަތަށް ޗެލެންޖްކުރަން، ހެޔޮނުވާނެ އަޅުގަނޑުމެން އެގޮތަށް ކަންތައް ކުރަން،" ޝައިޚު ވިދާޅުވި އެވެ.

ޝައިޚު އަދި ވިދާޅުވީ ރާއްޖެ އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށާއި އަނގައާ އަތާ ދިމާނުވާ ކަމަށެވެ. އަދި އެފަދަ ގޮތްތަކެއް މެދުވެރިވެފައި މިވަނީ އަމަލުތައް ރަނގަޅު ނުވުމުން ކަމަށް ވެސް ޝައިޚު ވިދާޅުވި އެވެ.