20 Jun 2017, 10:53
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ސަރުކާރުން އޭނަ އަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާރިސް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ކުރަނީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި ބިރު ދެއްކިޔަސް އޭނާ ކުރައްވާ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
Categorically reject n refute bogus accusations made against me by this govt. Threats n intimidation won't make any difference to my work
— Ahmed Faris Maumoon (@afarismaumoon)June 19, 2017
ފާރިސް އެ ތުހުމަތުތަކަށް އިންކާރުކުރައްވާފައިވާ އިރު، ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން އިއްޔެ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްވާނާ ގުޅޭ ގޮތުން ފުލުުން ތަހުގީގުކުރާ މައްސަލައަކީ ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތު ދިނުމުގެ މައްސަލާގައި އޭނާގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތު ކަމަށެވެ.
ސޮފްވާންގެ މައްޗަށް ކުރާ ތުހުމަތަކީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިނުމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ތުހުމަތު ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފާތު އެކި ފަހަރުމަތިން ފުލުހުން ވަނީ ފާރިސް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެގޮތުން އެންމެ ފަހުން އޭނާ ހާޒިރުކުރީ މި މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެއީ އޭނާ ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.
އެރޭ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ފާރިސް ވިދާޅުވެފައި ވަނީ އޭނާ އެއްވެސް ކުށެއްކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށްދޭ ކަމަށެވެ.
އޭނާގެ މައްސަލައެއް އޮތް ނަމަ ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިކޮށް އަވަހަށް ދައުވާކޮށްދިނުމަށް ތަހުގީގުގައި ސުވާލުކުރި ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް ވެސް ފާރިސް ވަނީ ވިދާޅުވެފަ އެވެ.