'ޑޮން' ސިލްސިލާގެ ތިން ވަނަ ފިލްމު، 'ޑޮން 3' އަށް ވާހަކަ އެއް ލިބިފައިވާ ކަމަށާއި، މިހާރު ސްކްރިޕްޓް ލިޔަމުން އަންނަ ކަމަށް ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ބުނެފިއެވެ.

'ޑޮން 3' ގެ ވާހަކަ ދެކެވެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައި ވީނަމަވެސް، އެ ފިލްމަށް ރަނގަޅު ވާހަކަ އެއް ނުލިބޭތީ، މަސައްކަތް ކުރިއަށް ދާގޮތެއް ނުވިއެވެ.

"މިދަނީ ޑޮން 3 އާ ދޭތެރޭ ވިސްނަމުން. ވަރަށް ބޮޑަށް އެބަ ވިސްނަން. ފިލްމަށް މިހާރު ރަނގަޅު އައިޑިއާ އެއް ލިބިއްޖެ. އަދި ލިޔަމުން މިހާރު މިދަނީ. ވަރަށް އަވަހަށް އޮފިޝަލް ބަޔާނެއް ދޭނަން،" ރިތޭޝް ބުނެފައިވެއެވެ.

'ޑޮން'ގެ ފުރަތަމަ ފިލްމު ނުކުތީ 1978 ވަނަ އަހަރު އެވެ. އެ ފިލްމުގައި ފެނިގެން ދިޔައީ އަމީތާބު ބައްޗަން އެވެ. އެއަށް ފަހު 2006 ވަނަ އަހަރު 'ޑޮން: ދަ ޗޭސް ބިގިންސް' ރިލީޒް ކުރި އެވެ. 'ޑޮން 2' ރިލީޒް ކުރީ 2011 ވަނަ އަހަރު އެވެ.

ފަރްހާން އަޚްތަރު ޑައިރެކްޓު ކުރާ އެ ފިލްމު ސީރީޒަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. 'ޑޮން' ސީރީޒްގެ ފިލްމުތަކުގައި ލީޑު ރޯލުން ފެނިގެން ދަނީ ބޮލީވުޑުގެ ރަސްގެފާނު ޝާހުރުކް ޚާން އަދި ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާއެވެ.

ނަމަވެސް ތިން ވަނަ ފިލްމުން ޕްރިޔަންކާގެ ބަދަލުގައި ފެނިގެން ދާނީ ބަތަލާ ކެޓްރީނާ ކައިފް ކަމަށް ބައެއް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ. އެކަމާ ގުޅިގެން ރިތޭޝް ބުނީ، އޮފިޝަލް ބަޔާނުގައި އެ ހުރިހާ ކަމެއް ހިމެނޭނެ ކަމަށެވެ.

'ޑޮން' ސީރީޒްގެ ފިލްމުތަކުން ވަނީ ގިނަ އެވޯޑުތަކަކަށް ނޮމިނޭޓްވެ އަދި ފާހަގަ ކޮށްލެވޭ އެވޯޑުތައް ހޯދައިފައެވެ.