16 Jul 2011, 10:50
ބަނގުލަދޭޝްގެ ބަނދަރުމަތީ ރަށް ޗިޓަގޮންއާ އައްޑޫސިޓީގެ ހިތަދޫއާ ދެމެދު އާގުބޯޓު ފަހަރުގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ބަންގުލަދޭޝްގެ ނޫހަކުން މިއަދު ބުނެފި އެވެ.
ބަނގުލަދޭޝްގެ "ޑެއިލީ ސްޓާ" ގައި ބުނެފައި ވަނީ އެ ގައުމަށް މިހާރު ވަޑައިގެން އުޅުއްވާ އައްޑޫ ޕޯޓްސް ލިމިޓެޑްގެ ޗެއާމަން އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް އަބްދުﷲ ޝާހިދު، ޗިޓަގޮންއާ ހިތަދުއާ ދެމެދު އާގުބޯޓް ފަހަރުގެ ސީދާ ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.
ބަންގުލަދޭޝްގެ ނެޝަނަލް ޗެމްބަރް އޮފް ކޮމާސްގެ އިސް ބޭފުޅުންނާއެކު ޗިޓަގޮންގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވިކަމަށް ޑެއިލީ ސްޓާއިން ބުނެފައި ވަނީ ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އެ ދަތުރުތައް ފެށުމަށް އުއްމީދުކުރައްވާ ކަމަށެވެ.
" ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބޮޑުބައެއް މިހާރު އެތެރެކުރަނީ އިންޑިޔާއާއި ތައިލެންޑުން، ބަންގުލަދޭޝްއަކީ އެފަދަ ތަކެތި ރާއްޖެއަށް އެތެރެކުރެވޭނެ ގައުމެއް،" ޝާހިދު ވިދާޅުވިކަމަށް ޑެއިލީ ސްޓާގައި ވެއެވެ. ބަނގުލަދޭޝްގެ ވިޔަފާރިވެރިން ޓޫރިޒަމާއި އިމާރާތްކުރުން އަދި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ވެސް ޝާހިދު ގޮވާލެއްވި ކަމަށް އެނޫސް ބުނެއެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމަށް ދިވެހިސަރުކާރުން ވިސްނަމުންދާ ކަމަށް ވެސް ޝާހިދާ ހަވާލާދީ ނޫސް ބުނެފައި ވެއެވެ.