19 Jun 2017, 22:06
ހައްޖަށް މީހުން ގެންދިއުމަށް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށްފަހު، މިއަހަރުގެ ރާއްޖެއިން މީހުން ހައްޖަށް ގެންދާނެ ކުންފުނިތައް އަލުން ކަނޑައަޅައިފި އެވެ.
ހައްޖަށް މީހުންގެ ގެންދިއުމުގެ ހުއްދަ ދިން ތިން ކުންފުނި
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
- ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑް
މިއަހަރު ރާޢްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 16 ކުންފުންޏަކުން ކުރިމަތިލި ނަމަވެސް އެންމެ ފުރަތަމަ ސަރުކާރުން ހުއްދަ ދިނީ އޭގެ ތެރެއިން ހަ ކުންފުންޏަކަށެވެ.
ނަމަވެސް ހައްޖުކޯޓާ ލިބޭ ފަރާތްތައް ހޮވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުއްދަ ދިނުމާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގިއެވެ.
އޭގެ ދެ ފަހުން ދެ ފަހަރެއްގެ މަތިން އޭސީސީގެ އެންގުމަށް ހައްޖު ޕްރޮޕޯސަލްތައް އެވަލުއޭޓް ކޮށްފައިވެ އެވެ.
ފުރަތަމަ ފަހަރަށް ހައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރިއިރު، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ބުނެ އަލުން އެ އޭސީސީ އިން އެންގިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އޭސީސީ އިން ދެ ވަނަ ފަހަރަށް ހައްޖު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް އެންގި އެންގުމާ ގުޅިގެން އެ މިނިސްޓްރީން ކުރި ދެ އިއުލާން ވެސް ބާތިލް ކޮށްފައިވާ ކަމަށެވެ.
އަދި އެ އިއުލާންތައް ބާތިލްކޮށް އަލުން އެވެލުއޭޓްކުރުމަށްފަހު މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ހަތަރު ކުންފުންޏަކަށް ހުއްދަ ދީފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ހަތަރު ކުންފުންޏަކީ ވެސް "އެންމެ މަޞްލަޙަތު ހުރި ގޮތްކަމުގައި ފެންނާތީ" ކަމަށް ބުނެ އެންމެ ފަހުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދިން ކުންފުނިތަކެވެ.
ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ލިބެނީ 1000 ކޯޓާ އެވެ. ނަމަވެސް މިދިޔަ އަހަރު 2،000 މީހުން ރާއްޖެއިން ހައްޖަށް ގެންދިއުމުގެ ހުއްދަ ލިބުނެވެ. މިފަހަރު ހައްޖަށް މީހުން ގެންދިއުމުގައި ކޯޓާ ބަހާ އުސޫލެއް އަދި އާންމެއް ނުކުރެ އެވެ.