ރާއްޖޭގެ ރަށްރަށަށް ދަތުރުކުރާ ފެރީތަކާއި، ފެރީ ދަތުރުކުރާ ތާވަލުތައް ބަލައިލެވޭ ޕްލެޓްފޯމް،"އޮންބޯޑް އެމްވީ"ލޯންޗުކޮށްފި އެވެ.

އޮންބޯޑު އެމްވީމެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެރީ އަދި ޝެޑިއުލްކޮށް ކުރާ ދަތުރުތަކާއި ދަތުރުވެރިންނަށް ބޭނުންވާ ތަފާތު މައުލޫމާތު ބަލައިލެވޭނެއެވެ.

އޮންބޯޑުން މައުލޫމާތުދޭ ގޮތުގައި، އެ ޕްލެޓްފޯމުގެ މަގުސަދަކީ ރާއްޖޭގެ ރަށްރަށުގެ ދެމެދު ދަތުރުކުރުން ފަސޭހަކޮށްދީ، މީހުންނާއި މުދާ ދައުރުވާ މިންވަރު އިތުރުވުމަށް މަގުފަހިކޮށްދިނުމެވެ.

އޮންބޯޑު އެމްވީގެ ވެބްސައިޓުމިހާރު ލޯންޗުކޮށްފައިވާ އިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދުއްވާ ފެރީތަކުގެ މައުލޫމާތު އެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ. އެ މައުލޫމާތުތަކުގެ ތެރޭގައި ފެރީ ޖައްސާ ރަށްރަށާއި، ދަތުރުކުރާ ދުވަސްތަކާއި، ފެރީގެ އަގާއި، އޮޕަރޭޓުކުރާ ފަރާތަށް ގުޅޭނެ ނަމްބަރު ހިމެނެއެވެ.

އޮންބޯޑުން ބުނީ އެ މައުލޫމާތުތައް އާންމުންނަށް ގެނެސްދެނީ ރާއްޖޭގައި ފެރީގެ ޚިދުަމތްތައް އެންމެ ފުޅާ ދާއިރާއެއްގައި ދޭ ފަރާތްތަކާއި، އަމިއްލަ ފެރީތަކާ ގުޅިގެން ކަމަށެވެ.

އަދި ކުރިޔަށް އޮތް ތަނުގައި، ސައިޓުގައި ރަޖިސްޓްރީކޮށްގެން ދަތުރު ނެގުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށާއި، އުޅަނދު ޗާޓަރުކުރަން ނުވަތަ ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް ސައިޓު މެދުވެރިކޮށް އެކަން ކުރުމުގެ ފުރުސަތުވެސް ފަހިވެގެން ދާނެ ކަމަށް އޮންބޯޑުން ބުންޏެވެ.

"އުޅަނދު ކުއްޔަށް ނަގަން [ޗާޓަރު] ބޭނުންވާ ފަރާތްތަކަށް މި ސައިޓް މެދުވެރިކޮށް ދަތުރުގެ ރިކުއެސްޓް އޮފަރޭޓަރުންނަށް ފޮނުވާ އަގު ހޯދާ ދަތުރު ނެގުމުގައި ވަރަށް ފަސޭހަވެގެން ދާނެ. މި ހުރިހާ ހިދުމަތްތަކަކީ ވެސް ހަމަ ހިލޭ ކޮންމެ ބޭފުޅަކަށް ވެސް ބޭނުން ކުރެވޭނެ ހިދުމަތްތަކެއް،" އޮންބޯޑުން ބުނެއެވެ.