އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު އިތުރު ތަމްރީން ހޯދަން މިއަދު ތައިލެންޑަށް ފުރާނެ އެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ތައިލޭންޑްގައި ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، އެ ޤައުމުގެ ފުރަތަމަ ޑިވިޝަނުގެ ހަތަރު ކްލަބަކާއެކު މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވޮލީ ޤައުމީ ޓީމް މިއަދު މާލެއިން ފުރުމަށް ހަމަޖައްސާފައި ވަނީ އިރުއޮއްސި 6:30 ގައެވެ.

އަންނަ އޯގަސްޓްމަހުގެ 5 އިން 15 އަށް ސީޝެލްސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑަށްކުރާ ދަތުރުގައި ޓީމާއިއެކު، ހެޑު ކޯޗް ޝަރަފްއާއި ޓްރޭނަރު އަބްދުﷲ ނަޝީދު ދަތުރުކުރާނެ ކަމަށް ވެސް އެސޯސިއޭޝަނުން ބުންޏެވެ.

ގޭމްސް އަށް ނެގި ސްކޮޑުގައި ޖުމްލަ 12 ކުޅުން ތެރިން ހިމެނޭ އިރު، ޓީމްގެ ކެޕްޓަނަކީ ޒުވާން ސެޓަރު އިޝާން މުހައްމަދު )ބަޓިސް( އެވެ. އަދި ވައިސް ކެޕްޓަނަކީ ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު އަބްދުލް ކަރީމް )ލޯންގޭ( އެވެ.