19 Jun 2017, 16:29
ގދ. ވާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރި ނަރުހަކަށް ޓިއުބަކްލޯސިސް (ޓީބީ) ޖެހިގެން ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.
ޓީބީ ޖެހިގެން މަރުވެފައި ވަނީ، 32 އަހަރުގެ އިންޑިއާ އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
އެ ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު އައިމިނަތު އަބްދުލް ހަކީމް 'ސަން' އަށް ވިދާޅުވީ އެ ނަރުސް މީހާ މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
އެ ނަރުސް މީހާއަށް ޓީބީ ޖެހިފައިވާކަން އެނގިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ އެ ބައްޔަށް ޓެސްޓު ކުރުމުންނެވެ.
އެ މީހާއަކީ ގދ. ވާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން ދިޔަ ނަރުހެކެވެ. އޭނާ ތިނަދޫ ހޮސްޕިޓަލަށް ބަދަލުކޮށްފައި ވަނީ، އެ ނަރުސް މީހާގެ އަމަލުތައް ހުންނަ ގޮތުން އެ މަރުކަޒުގެ އެދުމަކަށެވެ.
އޭނާ ތިނަދޫ ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަހުގެ އޭނާގެ ހާލަތު ހުރި ގޮތުން ޓީބީއަށް ޓެސްޓު ކުރީ ކަމަށް ތިނަދޫ ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
"އެ ނަރުސް މީހާ މި ހޮސްޕިޓަލަށް ބަދަލު ކުރީ އެ މީހުންގެ (ވާދޫ ހެލްތު ސެންޓަރުގެ) ރިކުއެސްޓަކަށް. އޭނާ ވޯކް ކުރަން ނުކުތް ފުރަތަމަ ދުވަހު ވެސް ވަރަށް ބޮޑަށް ވީކް ވެގެން، އޭނާގެ އަލާމާތްތަކަށް ބަލާފަ. އޭނާއަކީ ކުރީގަ ޓީބީ އަށް ފަރުވާކޮށްފައި ހުރި މީހަކަށްވާތީ ޓެސްޓު ކުރީ،" އެސިސްޓެންޓް މެނޭޖަރު އައިމިނަތު ވިދާޅުވެފައިވެ އެވެ.
ޓީބީއަކީ ގައިން ގަޔަށް އެރުމުގެ ފުރުސަތު ބޮޑު ބައްޔަކަށްވާތީ އެ ނަރުސް މީހާގެ ފަރާތުން އިތުރު ބަޔަކަށް އެބަލީގެ ބެކްޓީރިއާ ފެތުރިފައިވޭތޯ ބެލުމަށް ވާދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި އެ ނަރުސް މީހާ އުޅުނު ގޭގެ މީހުން ޓެސްޓު ކޮށްފައިވާ ކަމަށް ވާދޫ ހެލްތު ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ވިޝާލް ސައީދު ވަނީ ވިދާޅުވެފަ އެވެ.