19 Jun 2017, 14:31
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާ މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 23 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމެޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ހެޑް އައިމިނަތު ސުޒީ ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ފުލުހުން އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ފުލުހުން އެންމެ ފުރަތަމަ އޮޕަރޭޝަން ފަށާފައި ވަނީ ރާއްޖެއަށް އައި ބަޔަކު އެތެރެކުރި ކަދުރު އަދި ޓޮބްލެރޫން ޗޮކޮލެޓްގެ ތެރެއިން ހަޝިޝް އޮއިލް އާއި ކެނެބިސް ފެނިގެން އެކަން ކަސްޓަމްސް އިން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.
ފުލުހުންގެ ހިންގި އޮޕަރޭޝަނުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އާއާޕޯޓުން މާލެ އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާ ހަވާލުވާން އައި ހަތަރު މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާނެ ކަމަށް ސުޒީ ވިދާޅުވި އެވެ.
އޭގެ އިތުރުން ފުލުހުން ހިންގި އެހެން އޮޕަރޭޝަނެއްގައި އެއާޕޯޓަށް މަސްތުވާތަކެތި ބަލައި ދިޔަ ކަމަށް ތުހުމަތުކުރެވޭ 30 އަހަރުގެ ފިރިހެނަކަށް ފުލުހުން ފާރަލަމުން ގޮސް ބެލި ބެލި ބެލުމުން ކަދުރު ފޮށިގަނޑުތަކެއްގެ ތެރޭގައި މަސްތުވާތަކެތި ހުއްޓައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮމާނީ ބްރޭންޑްގެ ކަދުރުފޮށިތަކުގެ ތެރެއިން ފެނިފައި ވަނީ 42 ރަބަރުގަނޑު ކަމަށް ފުލުހުން ބުންޏެވެ.
ސުޒީ ވިދާޅުވީ އެއީ ފުޅާދާއިރާއެއްގައި ރާއްޖެއަށް ޑްރަގް އެތެރެކޮށް އޭގެވިޔަފާރިކުރާ ނެޓްވޯކަކުން އެތެރެކުރި މަސްތުވާތަކެތި ކަމަށެވެ.
އެ ނެޓްވޯކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ފަސް ތަނެއް ބަލައި ފާސްކޮށް ޑްރަގާއި ބަނގުރާގެ އިތުރުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދާފައިވާ ކަމަށް ސުޒީ ވިދާޅުވިއެވެ.