16 Jul 2011, 09:30
ސަރުކާރުގެ ފިޝަރީޒް މިިނިސްޓަރު ކަން ކުރެއްވި އަދި މިހާރު އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ޑރ. އިބްރާހިމް ދީދީ )ޑީޑީ( ޕާޓީގެ ރައީސް ކަމަށް ވަޑައި ގަތީ ވައުދު ތަކަކާއެކު އެވެ. އަދި އެމަގާމު ލިބިވަޑައިގަތުމަށްފަހު މިހާތަނަށް ކަން ހިނގައިދިޔަ ގޮތުން ޑީޑީގެ ކުރިމަގާމެދު ސުވާލު އުފައްދާ މީހުން އުޅެ އެވެ. އޭގެ ބައެއް ސުވާލުތަކުގެ ޖަވާބު ޑރ. ޑީޑީ ވަނީ ސަންގެ ލިޔުންތެރިޔާ އަބްދުﷲ ޝިނާން އާއި ހިއްސާކޮށްފަ އެވެ. ތިރީގައި މިވަނީ އޭގެ ބައެއް ސުވާލުތަކާއި ޖަވާބެވެ.
ސ. އެމްޑީޕީ ހިންގުމަށް ހުރި އެންމެ ބޮޑު ގޮންޖެހުން ތަކަކީ ކޮބާ؟
ޖ. އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީ ނިޒާމުގެ ވެރިކަމެއް އަޅުގަނޑުމެން ޤާއިމުކޮށްގެން ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް ރައްޔިތުންގެ ފިކުރާ ވިސްނުމަށް ބަލާ އިރު ގިނަ ބަޔަކު އަދިވެސް މިތިބީ ވަރަށް ބޮޑު ފިއްތުން ތަކެއްގެ ތެރޭގައޭ އަޅުގަނޑަށް ދެންނެވޭނީ. ރާއްޖޭގައި ޒަމާނުއްސުރެ ވަކި ކަހަލަ ވެރިކަމުގެ ނިޒާމެއް އޮތުމުގެ ސަބަބުން ޑިމޮކްރެސީގެ ރަނގަޅު ވިސްނުމާ ފިކުރު ގިނަ ބަޔަކަށް ފޯރާފައެއް ނެތް. މިސާލަކަށް މީޑިއާގެ މިނިވަންކަމާ، ސިޔާސީ މިނިވަންކަމާ މިހުރިހާ ކަމެއް މިއައީ ވަރަށް އެކުއެކީގަ، މިގޮތަށް އައީމަ އަޅުގަނޑުމެންނަކަށް މީޑިއާގެ މިނިވަންކަމުގެ ތެރެއިންވެސް އެ އޮންނަންވާ ސުލޫކީ ހުރިހާ މިންގަޑުތަކެއް ނުފެނޭ. ނަތީޖާއެއްގެ ގޮތުން ރައްޔިތުމީހާ ތިމަންނަ ބަލައިގަންނަންވީ މީޑިއާގެ ތެރެއިން ކޮން ބައެއްކަން ކަނޑައެޅޭ މިންވަރަކަށް ވެސް އެމީހާއަކަށް ނުލިބޭ، އެމީހާ އަށް ފުރުސަތެއްވެސް ނުލިބޭ. މިސާލަކަށް މިއަދު އަޅުގަނޑު ރޭޑިއޯ ހުޅުވާލާއިރު ރާއްޖެ ރޭޑިއޯތޯ، ދިއެފްއެމްތޯ، އެޓޯލް ރޭޑިއޯ ތޯ، ނުވަތަ އެހެން ރޭޑިއޯއެއްތޯ ބަލައިގަންނާނީ، ކޮބައިކަން މީގެތެރެއިން އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެންނަށް ބަލާލެވޭނެ ފުރުސަތެއް އަދިއެއް މުޅިއަކުން ނެތް. މިސާލަކަށް ރާއްޖެ ރޭޑިއޯ ބުނެވިދާނެ އަދިވެސް ސަރުކާރުގެ ކޮންމެވެސް މިންގަޑެއް ގެ ތެރެއިން، ހުދޫދެއްގެ ތެރެއިން އަންނަ އެއްޗެކޭ. އެކަމު ދެން ހުންނަ ރޭޑިއޯ ތަކަކީ ސައްތައިން ސައްތަ މިނިވަން ރޭޑިއޯ ކަމަށް ވީ ހިނދު މިނިވަން ރޭޑިއޯގަވެސް އަސްލު އެ ހުންނަންވާ އެންމެ ރަނގަޅު ކޮލިޓީއެއް އޮތް ކަމަކަށް ފާހަގައެއް ނުކުރެވޭ. މިހެން މިދެންނެވީ މިނިވަން ރޭޑިއޯގެ ތެރެއިން %99 މުޅިން "އޮޕޮސިޝަން" އަށް ގޮސްފަ އޮތީމަ. އެއީ ހަޤީޤީ އަޅުގަނޑުމެން މި ބޭނުންވާ ރޭޑިއޯގެ މީޑިއާގެ މިނިވަންކަމުގެ ބޭނުން ހިފޭގޮތަށް އޮތް ކަމެކޭ ދެންނެވޭކަށެއް ނެތް. އަނެއްކޮޅުން އޮޕޮސިޝަން އަށް ބަލާލާއިރު ހެލްދީ އޮޕޮސިޝަން އެއް ނެތުމުގެ ސަބަބުން އޮޕޮސިޝަންގެ ފަރާތުން ރައްޔިތުންނަށް އެންމެ ރަނގަޅު މައުލޫމާތު ތަކެއް އެންމެ ޒިންމާދާރު ގޮތެއްގައި ކުރިއަށް ގެންދެވޭ ކަމަކަށް ފާހަގައެއް ނުކުރެވޭ.
ޕާޓީގެ ތެރޭ ބައެއް ބޭފުޅުން ޑީޑީ އެބަ ސިފަކުރައްވާ މަސައްކަތް ކުރަން އުނދަގޫ ބޭފުޅެއްގެ ގޮތުގަ، ބައެއްފަހަރު ބޯ ހަރު ބޭފުޅެއްގެ ގޮތުގަ ކީކޭތޯ މިކަމާ ވިދާޅުވަނީ؟
ތިޔާ ދޭތެރޭ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑަކީ ހަރުވާންޖެހޭ ތަންތަނުގަ ހަރުވެސް މީހެކޭ މަޑުވާންޖެހޭ ތަންތަނުގަ މަޑުވެސް މީހެކޭ. އެންމެ އާދައިގެ ބަހުރުވައިން ނަމަ އަޅުގަނޑަކީ ސިޔާސީ ކަންކަމުގަ ލޮނު މަޑުކުރަންޖެހޭ ތަންތަނުގަ ލޮނު މަޑުވެސް ކޮށްފަ ލޮނު ގަދަ ކުރަންޖެހޭ ތަންތަނުގެ ލޮނު ގަދަވެސް ކޮށްފަ އޭރަކު ސިޔާސީ މަސްރަހުގަ މަސައްކަތް ކުރަންޖެހުނު ކޮންމެ މާހައުލެއްގައި މަސައްކަތް ކުރުމަށް އަބަދުވެސް ވިސްނައިގެން މެޖޯރިޓީއަށް ތަބާވެގެން އެގޮތުގަ ހިފަހައްޓައިގެން މުޅި މުޖުތަމައުގެ، މުޅި ޕާޓީގެ، މުޅި ގައުމުގެ މަސްލަހަތައްޓަކައި މަސައްކަތް ކުރާމީހެއް.
އެމްޑީޕީގެ ރައީސް ގެ މަޤާމުގައި ހުންނަވައިގެން އެމްޑީޕީގެ ކަންކަން ހިންގާ އިސްލާހުކުރުމަށް ޕާޓީގެ ތެރޭ ކިހާވަރެއްގެ ފުރުސަތެއް ޑީޑީ އަށް އެބައޮތްތޯ؟
ޕާޓީގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ފުރުސަތުތަކެއް އެބަހުރި، އެކަމަކު ގޮންޖެހުންތަކެއްވެސް އެބަހުރި، އަޅުގަނޑު ވަރަށް ކެތްތެރިކަމާ، ވިސްނުންތެރިކަމާ، ހިކުމަތްތެރިކަމާ އެކީގަ ވަރަށްބޮޑަށް މަސައްކަތް ކުރަމުން މިގެންދަނީ އަޅުގަނޑަށް ލިބޭ ފުރުސަތުގެ ޤާނޫނީ ގޮތުންވެސް، އަސާސީ ޤަވާއިދުގެ ތެރެއިންވެސް ޕާޓީގެ އެންމެހާ ކަންތައްތައް ރަނގަޅުކުރުމަށް. އަޅުގަނޑު އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ޕާޓީގެ އާއްމު މެންބަރުންނަށް ޕާޓީގެ ފަރާތުން ހިދުމަތްތަކެއް ވީހާވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭތޯ ބެލުން.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ރީކޯ މޫސާ މަނިކު އަދި ރައީސް ނަޝީދު ގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ޕާޓީއަށް ލިބޭތޯ؟ ނުލިބޭނަމަ އެއީ ކިހިނެއްވެގެން ކަމަށްތޯ ގަބޫލުކުރެއްވެނީ؟
ހަމަގައިމުވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން އަޅުގަނޑަށް ފުރިހަމަ އެއްބާރުލުން އެބަލިބޭ އަދި އަޅުގަނޑު ޕާޓީގެ ރައީސްކަމަށް ހޮވުމާއެކީގަ އަޅުގަނޑަށް މަރުހަބާ ވިދާޅުވެ އެކަމުގަ އެބެފުޅާގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި، އެވްރެޖް ގޮތެއްގަ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް އަޅުގަނޑާ ރައީސާ ދެމެދު އެއްބަސްވެވިފަ މިއޮތީ ހަފްތާ ބަންދު ދުވަސްތެރޭން ހޮނިހިރު ދުވަހު ފޭސްޓް ފޭސް ބައްދަލުވުމެއްވެސް ކުރިއަށް ގެނދެވޭ ކަހަލަ ގޮތަކަށް. ދެން ވަގުތީ ޗެއަރޕާސަންގެ ވާހަކަ ދަންނަވާލީމަ އަޅުގަނޑު ހަމަ ދަންނަވާލަންޖެހެނީ ވަގުތީ ޗެއަރޕާސަންގެ ފަރާތުން އަޅުގަނޑާ ދޭތެރޭ މިދިމާވާ ބައެއްކަހަލަ ކުދިކުދި ކަންތައްތަކެއް ހުރިކަމުގައި ވިޔަސް އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް އޮތްތަނުގަ މިކަންތައްވެސް ހަމަޖެހިގެން ދާނެކަމަށް.
އެމްޑީޕީގެ ތާރީހު ފެށުނު ހިސާބުން ފެށިގެން ޕާޓީގެ ޗެއަރޕާސަން އާ ޕާޓީގެ ރައީސް އާ މިދެމެދުގަ އަބަދުވެސް އަރާރުންތަކެއް ހުރޭ. ކީއްވެގެންތޯ ޑީޑީ އަށް ގަބޫލުކުރެވެނީ މިބާރުތަކުގަ ފުށުއެރުންތަކެއް އޮންނަން މިޖެހެނީ ؟
އަޅުގަނޑަށް ހީވަނީ އަސާސީ ގަވާއިދުގަ ތަންކޮޅެއް ބްރޯޑް ކޮށް މިއޮންނަނީ، އަސާސީ ގަވާއިދުގެ 78 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެފަ އެބައޮވޭ ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް ކަމަށް. އަދި ވަކިން ހާއްސަކޮށް ސިޔާސީ ހުރިހާކަމެއް ކުރިއަށް ގެންދާނީ ޕާޓީގެ ރައީސްކަމަށް އެހެންނަމަވެސް އެހެން ބްރޯޑް ކޮށް ލިޔެފަ އޮވެފަ އަނެއްކޮޅުން ޗެއަރޕާސަން އަކީ ޕާޓީގެ އެތެރޭގެ ހުރިހާ ކަމެއް ކުރުމުގަ އިސްކޮށް ހުންނަ މީހެކޭ އެބަ އޮވޭ. އެތެރޭގެ ކަންކަމަކީ ކޮބައިކަން އެހާ ރަނގަޅަށް "ސްޕެސިފިކް" ކޮށް "ނެރޯޑައުން" ކުރެވިފަކާ ނުހުރޭ. ދެން އަޅުގަނޑުމެން ވީހާވެސް ބޮޑަށް މިބަލަނީ އަޅުގަނޑުމެން ތެރޭގަ އެއްބަސްވުމެއް އެކުލަވާލަން ތަންކޮޅެއް "ނެރޯޑައުން" ކޮށްލާފަ އަޅުގަނޑުމެން ތެރެއިން މިވެނި މަގާމެއްގަ ހުރި މީހަކު ކުރާނީ ކޮންކޮން ކަންތައްތަކެއްތޯ ނުވަތަ އަނެއްމީހާ އަށް ފުށުއަރާ ކަމެއް ވެއްޖިއްޔާ ވާހަކަ ދައްކައިގެން ކޮންކަހަލަ މިންގަޑެއްތެރޭތޯ ނިންމާނީ އެހާހިސާބުން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ފުށުއަރާ ކަންތައްތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެހެން. ވަރަށް ސާފުކޮށް މިހާރު އޮތް އަސާސީ ގަވައިދު ކިޔާލީމަ ވެސް ފެންނަން އޮންނާނެ 78 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެފަ އެބައޮވޭ ޗެއަރޕާސަން ކުރައްވާނީ ޕާޓީގެ އެތެރޭގެ ކަންކަން. އެހެންވީމަ ކޮބައިކަން އެތެރޭގެ ކަންކަމަކީ ކޮންމެވެސް ވަރެއްގެ ތަފްސީލެއް އެބަ ބޭނުންވޭ، އެތެރޭގެ ކަންތައްތައް މާނަކުރައްވާ ބޭފުޅަކު މާނަ ކޮށްފާނެ ޕާޓީގެ ޖަލްސާއެއް ބޭއްވިޔަސް ޕާޓީގެ ހަރާކަތެއް ބޭއްވިޔަސް، ހުރިހާކަމެއް. އެހެންވެއްޖެ ނަމަ ޕާޓީގެ ރައީސަށް އޮތް ސިޔާސީ ކަންކަމަކީ ކޮބައިކަން ލިޔެވިފަ ނެތް ނަމަ މި ބޯޑަރ ލައިންގެ މައްސަލަތައް އަންނާނެ.
ޑީޑީ ކެމްޕޭނުގެ ތެރޭގަ ވަރަށް ގިނަ ވައުދުތަކެއްވި، އޭރު ސަރުކާރާ އެމްޑީޕީ ގެ އާއްމު މެންބަރުންނާ ދެމެދު އުފެދިފަ އޮތް ބީރައްޓެހިކަން ގާތްކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާނެ ވާހަކަ ވަރަށް ބޮޑަށް ވިދާޅުވި. އެހެންނަމަވެސް ޑީޑީ އެމްޑީޕީގެ ރައީސްކަމާ ހަމައަށް އައުމާ ފެށިގެން މި ފެންނަނީ ޑީޑީ އާއި ސަރުކާރާ ދެމެދު ބީރަހެއްޓިކަން އިތުރުވެ ދެފަރާތް ދެމެދުގަ ގުޅުން ގޯސްވަމުން ދާތަން ކިހިނެއްތޯ ތިޔަ ވިދާޅުވި ވައުދު ފުއްދާނީ؟
މިހާރު ސަރުކާރާ ދެތެރޭގަ ނުވަތަ ސަރުކާރު ހިންގަން ތިބި މީހުނާ ދޭތެރޭގަ ގުޅުން ގޯސްވެގެނެއް ނުދޭ. އެހެންނަމަވެސް ތެދުތެދަށް ދަންނަވަންޏާ އަޅުގަނޑަށް ހަމަ ދެންނެވޭނީ އަޅުގަނޑުމެން މިރާއްޖެގާ ޕާޓީ ނިޒާމުގެ ވެރިކަމެއް ހިނގަމުން އަންނަތާ ދެއަހަރާ ބަޔަށް ވުރެން ގިނަވެގެންދާއިރު މިވެރިކަން ކުރާ ޕާޓީން ހަޤީޤީ ވެރިކަންކުރާ ނިޒާމެއް، ވެރިކަމުގެ ސިފައެއް އަދިއެއްގެނެވިފައެއް ނެތް. މުޅިން އާކަމެއްގެ ގޮތުގަ އަޅުގަނޑަށް ފަށައިގަނެވުނު ކަމެއްވީމާ ގޮންޖެހުންތަކެއް އެބަހުރި. ޗެލެންޖަސް ތަކެއް އެބަހުރި މިހެން މިދެންނެވި މައިގަނޑު ސަބަބަކީ ތަންކޮޅެއް އާކަމެއްގެ ގޮތުގަ އަޅުގަނޑުމެންނަށް މިކަން ފަށައިގަނެވުނުކަން،. އަޅުގަނޑުމެންގެ ތެރޭގަ ޕްރެކްޓިސް ނުކުރެވި ހުރި މުޅިން އާކަމަކަށް ވީމާ ކޮންމެ ތަނެއްގަވެސް އެ ޗެލެންޖެސްތަކެއް ހުންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. މިސާލަކަށް އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯ ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ތަންފީޒުކުރަމުން ދާއިރު މި ވެރިކަން ކުރަމުންދާ ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރެވެމުންދާ ނުދާ މިންވަރާ އަދި އެމެނިފެސްޓޯ ތަންފީޒު ކުރުމުގަ ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަމާ ވެރިކަން ކުރާ ފަރާތުން ދެވޭނެ ސަޕޯޓަކީ ކޮބައިތޯ ބަލާ މިކަން ކުރުމުގެ ފުރިހަމަ ޒިންމާ އަޅުގަނޑުމެންގެ ކޮނޑުގަ އެޅިފަ އޮންނަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެހެންވީމަ އެކަން ކުރުމަށް އަޅުގަނޑު ވައުދުވިން، އެވައުދު ވެގެން އަޅުގަނޑު ވަރަށްގިނަ މިނިސްޓްރީ ތަކާ އެކީގަ އަޅުގަނޑުގެ އޮފީހުގަ ބައްދަލުވުން ބާއްވާ އެބޭފުޅުންނަށް ކޮންކަހަލަ އެހީތެރިކަމެއްތޯ ބޭނުންވަނީ އަދި އެބޭފުޅުންނާ ހަވާލުވެފަ އޮތް މެނިފެސްޓޯ ތަންފީޒުކުރެވެމުންދާ މިންވަރާ މިހުރިހާ މައުލޫމާތެއް ސާފުކޮށް އަދި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގަ ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބަލާ މިހުރިހާ ޕްރޮސީޖާ އެއް އެބަ ކުރިއަށް ގެންދަން.
ސަރުކާރުގެ ބައެއް ވުޒާރާތައް ބޮއްސުން ލައިގެންދާ ވާހަކަ އެބަދެކެވޭ، ހާއްސަކޮށް ސިއްހީ ދާއިރާ ވަރަށް ބޮޑަށް ބޮއްސުން ލައިގެންދާ ކަމަށް ވަރަށް ގިނަ މީހުން އެބަ ގަބޫލުކުރޭ މިކަން ޑީޑީ އަށް ޤަބޫލުކުރެއްވޭތޯ؟
ސިއްހީ ދާއިރާގަ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އަޅުގަނޑަށް ފާހަގަ ކުރެވޭ. އަދި ޚާއްސަ ކޮށް އަޅުގަނޑުގެވެސް ޕޮރޮފެޝަނަލް ދާއިރާ އަކީ ސިއްހީ ދާއިރާކަމަށް ވުމުން ވަރަށްބޮޑަށް އެހާރާ މިހާރުވެސް ވަރަށް ގާތުން ފެނިފަ ހުރީ. އަޅުގަނޑަކީ ހަމަ ހޮސްޕިޓަލުގަވެސް މަސައްކަތް ކުރި މީހެއް. އަޅުގަނޑުގެ ޕޮރޮފެޝަނަލް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށްޓަކައި، ކުރި ބުރަ މަސައްކަތް މިއަދުވެސް އަޅުގަނޑު ހަނދާން އެބަހުރި. އަޅުގަނޑު ވެރިކަމާ ޕާޓީފަރާތުން ހަވާލުވީ އިރު ވެސް ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރި އެއްދާއިރާ އަދި އަޅުގަނޑުމެންގެ ފަސް ވައުދުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދަކީވެސް އެދާއިރާއަކަށް ނިސްބަތް ވާ ވައުދަކަށްވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން އަދިވެސް އިތުރަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންވެފަ އޮތް ދާއިރާއެކޭ އެއީ. އިތުރަށް ރަނގަޅުކުރަންޖެހޭ ބައިވަރު ކަންތައް އެބަހުރި. މިސާލަކަށް ބައްލަވާ އައިޖީއެމްއެޗްގައި ކިތައް ފިޒީޝަނުން ތިއްބެވިތޯ 11 ފިޒީޝަނުން، ދެން ޗެކް ކޮށްލާ އޯޕީޑީ އާއްމުކޮށް ބަލި މީހުން ބަލަން ތިބެނީ ކިތައް ފިޒީޝަނުންތޯ ދޭން ނުވަތަ ތިނެއް ތިއްބަވާނީ އެ ތިނެއް ނުވަތަ ދެ ފިޒީޝަނުން ކިތައް ގަޑި އިރުތޯ ބަލިމީހުންނަށް ހިދުމަތް ކޮށްދެނީ ، އާއްމުކޮށް ބަލި މީހުން ބަލަން ކޮޓަރީގައި ތިއްބަވަނީ ކިތައްގަޑީއިރުތޯ، ގިނަވެގެން ތިން ގަޑިއިރު ނުވަތަ ހަތަރު ގަޑިއިރު ތިއްބަވާނީ. އެކަމަކު ބާކީ މަސައްކަތް ކުރަންޖެހޭ ދުވާލަކު ހަ ގަޑިއިރު މި އޮންނަނީ ސަރުކާރު މުވައްޒަފުންނަށް އެހެންވީމާ ބާކީ ހަތަރު ގަޑިއިރު ކީއްތޯ މިވަނީ؟ މީ އަޅުގަނޑަށް ސުވާލު އުފެދޭ ކަމެއް.
ވަރަށްގިނަ ބޭފުޅުން އެބަ ވިދާޅުވޭ މިސަރުކާރުގެ މަތި ބަރުވާ ވާހަކަ، ސިޔާސީ މަޤާމުތައް އާދަޔާ ޚިލާފަށް ގިނަވާވާހަކަ މިކަމާމެދު ކީކޭތޯ ވިދާޅުވަނީ؟
ސިޔާސީ މަގާމުތައް ކުރިއާ އަޅާބާލާއިރުގަ ހަގީގަތުގަ ގިނައޭވެސް އަޅުގަނޑު ނުދަންނަވާނަން ސިޔާސި މަގާމުތައް އަދި ސިވިލް ސާވިސްގެ މަގާމުތައް ވެސް މިހާރަށް ވުރެ މަދުކުރުން ރަނގަޅުކަމަށް އަޅުގަނޑަށް ފެންނަނީ. ސަބަބަކީ ރައީސް ނަޝީދުވެސް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވަމުން އައި އެއްކަންތައް މަޤާމުތައް މަދުކޮށް ވީހާވެސް ފުޅާކޮށް ޕްރައިވެޓް ސެކްޓަރ ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިދުމަތް ފޯރުކޮށްދިނުން އެހެންނަމަވެސް ދިމާވެފަ އޮތް ދައްޗަކީ، މިނިވަން މުއައްސަސާތަކެއް ގާއިމު ކުރެވިއްޖެ، މުއައްސަސާ ތައް ޒިންމާދާރުކުރުމުގެ މަސްއޫލިއްޔަތު ކުރުން މިއޮތީ ރައްޔިތުންގެ މަޖިލީހުގަ، މަޖިލީހުގެ އަގުލަބިއްޔަތު މިއޮތީ އޮޕޮސިޝަން ގަ. އޮޕޮސިޝަން ހެލްދީ އޮޕޮސިޝަން އަކަށް ނުވުމުގެ ސަބަބުން، ޖުޑީޝަލަކަސް، ހިއުމަން ރައިޓްސް ކޮމިޝަނަކަސް، ސިވިލް ސާވިސް ކޮމިޝަނަކަސް މިހުރިހާ މުއައްސަސާތައް ޒިންމާދާރު ކުރުމުގެ ވަރަށް ބޮޑު ޗެލެންޖު ތަކެއް އެބަހުރި. އޭގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުން ވެފަ ހުރި ވައުދުތައް ފުއްދުމުގަ ވަރަށްބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ވީމާ ސަރުކާރަށް އެބަ މަޖުބޫރުވޭ ސިޔާސީ މަގާމުތައް މެދުވެރިކޮށް ނަމަވެސް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުތަކެއް ރާވަން.
މިސަރުކާރު އައީ އާއިލީ ވެރިކަމެއްގެ ރަހުމަތްތެރިކަމާ ރައްޓެހި ނުފޫޒުގަދަ މަޤާމުތައް ދިނުމުން ދުރުވެފައިވާ ސަރުކާރެއް ގާއިމުކޮށްދިނުމުގެ ޔަޤީން ކަމާއެކީގަ. މިވައުދު ފުއްދޭ ކަމަށް ޑީޑީ އަށް ގަބޫލުކުރެއްވޭތޯ؟
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ ހަމަގައިމުވެސް ކުރީ ސަރުކާރުގަ ޅިޔަނާ ބޭބެއިންނާ ޅިޔަން ފަހަރިންނަށް އެންމެ މަތީ މަޤާމުތަކެއް އަދި އެމަޤާމުތަކުގެ އިތުރުން ބައިވަރު އެތައް ކުންފުނިތަކުގެ ވެސް ހިއްސާވެސް ދީފައޮތް ބީދައިން މިސަރުކާރަކުން ނެތް ދީފައެއް. މި ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާގެ ބޭބެއަކަށް ކޮއްކޮ އަކަށް ވަޒީފާތަކެއް އެގޮތަށް ދެވިފަ ހުރިކަމަކަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަން.
އެމްޑީޕީގެ އިސްމަޤާމުތަކަށް، މީހުން ހޮވުމުގަ މިބޭއްވި އިންތިހާބުގަ ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ރައީސްކަމަށް ޒަކީ އަދި ނައިބުރައީސް ކަމަށް އަސްލަމް ގެންނެވުމަށް ކަމަށް ވާހަކަ ދެކެވޭ. އަދި ބައެއް ހިސާބުތަކުގަ ވަރަށް ފާޅުކަންބޮޑު ގޮތެއްގަ ފެންނަހެންވެސް އަޅުގަނޑުމެންނަށް ހީވި، މީ ކިހާވަރެއްގެ ހަޤީޤަތެއްތޯ؟
އަޅުގަނޑު ކުރިންވެސް ދެންނެވިން އަޅުގަނޑަކީ ފެންނަން ހުންނަ ހަގީގަތަށް ބުރަވެހުރެ ވާހަކަ ދައްކާމީހެކޭ، ފަރުދާގެ ފުރަގަހުގަ ކަމެއް ހުރިކަމަށް ހުރެދާނެކަމަށް ބަލައިގެން އެޔަށް އުއްމީދު ކޮށްގެން އުޅޭމީހެއްނޫނޭ، އެހެންވީމަ އެއުސޫލުން އެއްޗެއް ދަންނަވަންޏާ ދެންނެވޭނީ އެއްވެސް ބޭފުޅެއްގެ ކައިރީގަ ތިމަން މަނިކުފާނު ތާއިދުކުރައްވަނީ ޒަކީ އަށޭ ނުވަތަ ޑީޑީ އަށޭ އެހެން ވިދާޅުވެފަ އޮތްކަމެއް އަޅުގަނޑަކަށް އެނގޭކަށެއް ނެތް،
ރައީސް ނަޝީދު ޑީޑީ އަށް އިތުބާރު ކިހާވަރަކަށް ކުރައްވަފާނެކަމަށް ޤަބޫލުކުރެއްވޭތޯ؟
ސައްތައިން ސައްތަ އިތުބާރު ކުރައްވާނެ. ސަބަބަކީ 2008 ވަނަ އަހަރު ގެ ތަޖުރިބާއިންވެސް ފުދޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ ވަރަށް ބޮޑު ޗެލެންޖް ތަކަކާ އަޅުގަނޑުމެން މިވަނީ ކުރިމަތިލާފަ، އަދި އިރާދަ ކުރެއްވީތީ ކާމިޔާބުވެސް މިވަނީ ކޮށްފަ، ކުރުގޮތަކަށް ދަންނަވާ ނަމަ އަޅުގަނޑުމެން ޕާޓީގެ ރިއާސީ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވުނު ޕްރައިމަރީގަ އެއްފަރާތުން ރައީސް ނަޝީދު އަނެއްފަރާތުން ޑރ. މުނައްވަރު ވާދަކުރެއްވި އިރު ރައީސް ނަޝީދުގެ އަރިހުގަ އަޅުގަނޑު މަސައްކަތް ކުރި ކުރުމުންވެސް ވަރަށް ބޮޑަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭނެ އަޅުގަނޑު ކިހާވަރަކަށް ރައީސް ނަޝީދަށް ތާއީދުކުރާ ކަމާ، އަދި ޕާޓީއަށް ކިހާވަރެއްގެ ލޯޔަލް މީހެއްކަން.
ޕާޓީގެ އިސް މަޤާމުތަކަށް، އަދި އެނޫންވެސް އެހެން މަޤާމުތަކަށް މީހުން އިންތިޚާބު ކުރާއިރު އޭގެތެރޭ ރައީސުލް ޖުމްހޫރިއްޔާ ވަދެވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވަންތޯ؟ އަދި އެހެން ވަދެ ވަޑައިގަނެވޭ ނަމަ އޭގެ ނުރަނގަޅު ނުފޫޒު ފޯރާނެ ކަމަށް ގަބޫލު ނުކުރެވޭތޯ؟
ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު އެއްވެސް ބޭފުޅަކު އެބޭފުޅެއްގެ މަޤާމުގެ ނުފޫޒު ބޭނުންކުރެވޭ ކަހަލަ ގޮތަކަށް ކަންތައްތައް ކުރުމަކީ ޑިމޮކްރެޓިކް ރިވެތި އުސޫލު ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެން ނަމަވެސް އޭގެ މާނަޔަކީ އެއްވެސް ބޭފުޅަކު އެގޮތަށް މިހާތަނަށްވެސް ކަނަތްއަކުރައްވާފަ އޮތެކޭ ނޫން. އިން ޖެނެރަލް އަޅުގަނޑު މިދެންނެވީ ހަމަ އެއްވެސް ބޭފުޅެއްގެ މަޤާމުގެ ނުފޫޒު ބޭނުންކުރެވޭ ކަހަލަ ގޮތަކަށް ކަންތައްތައް ކުރުމަކީ ޑިމޮކްރެޓިކް ރިވެތި އުސޫލުކަމަކަށް ނުވާނޭ،
އެމްޑީޕީ އަކީ ގްރާސް ރޫޓު ޕާޓީއެއްގެ ގޮތުގަ އަޅުގަނޑުމެންނަށް އެނގިފަ މިއޮންނަނީ އަދި ފާހަގަވެސް ކުރެވިފަ މި އޮންނަނީ. އެންމެފަހުން ފެނުނު އިންތިހާބުގަ ސީދާ ރައީސް ނަޝީދު ތާއީދު ކުރެއްވިކަމުގެ ވާހަކަ ދެކެވުނު ދެބޭފުޅުންވެސް ފެއިލް ވެގެން ދިޔަ ތަން މިފެނުނީ. މީގެ މާނަޔަކީ އެމްޑީޕީ ތެރޭގަ ނޫނީ ގްރާސް ރޫޓް ލެވެލްގަ ރައީސް ނަޝީދުގެ ތާއީދު ކުޑަވުން ކަމަށް ޑީޑީ އަށް ގަބޫލުކުރެވޭތޯ؟
އަޅުގަނޑު ގަބުލެއް ނުކުރަން ރައީސް ނަޝީދުގެ ތާއީދުކުޑައެކޭ، އަޅުގަނޑަށް ގަބޫލުކުރެވެނި މި ޕާޓީއަކީ ގްރާސް ރޫޓް ޕާޓީއެއްކަމަށް، އަޅުގަނޑު ފަހުރުވެރިވަން މިޕާޓީއަށް، ކުރުގޮތަކަށް ދަންނަވާ ނަމަ މިޕާޓީއަކީ އާއްމު މެންބަރުންގެ ޕާޓީ އެއް. މިޕާޓީ އުފައްދާފަ އޮތީވެސް ރައްޔިތުންގެ ސަރުކާރުން، މީގެ ކުރީގަ އޮތީ ރައްޔިތުންގެ ސަރުކާރެއް ނޫން ވެރިންގެ ސަރުކާރެއް، އެހެންވީމަ މީ ވެރިންގެ ޕާޓީއެއްނޫން، މީ މެންބަރުންގެ ޕާޓީއެއް އެކަން މިއަދު އެމްޑީޕީގެ މެންބަރުން ސާބިތުކޮށްދީފި.
2008 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ކުރިމަތި ލެއްވި އިރު އޭރު އޮތް ތާއީދު މިހާރުވެސް އެމަނިކުފާނަށް އޮންނާނެކަމަށް ގަބޫލުކުރެއްވޭތޯ؟
2008 ވަނަ އަހަރު އޮތް ތާއީދަށް ވުރެ އިތުރު ތާއީދެއްވެސް އޮންނާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ، 2008 ވަނަ އަހަރު 19 ވަރަކަށް ހާސް މެންބަރުން ޕާޓީގަ ތިބެފާ މިއަދު ގާތްގަނޑަކަށް 48 ހާހާ ކައިރިކޮށްފަ މިއޮތީ، ޕާޓީގެ މެންބަރުންގެ އަދަދުވެސް، އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ އޭރު އޮތް ތާއީދަށް ވުރެ ބޮޑު ތާއީދެއް މިއަދު އޮންނާނެ.
ވަރަށް ގިނަބަޔަކު އެބަ ގަބޫލުކުރޭ ރާއްޖޭގަ ސިޔާސީ ގޮތުން އެންމެ ބުރަދަން ހުރި އެއް ޝަހުސިއްޔަތަކީ ރައީސް މައުމޫނުކަމަށް، ރައީސް ނަޝީދާ ރައީސް މައުމޫނާ ނަގައިފިނަމަ ރައްޔިތުންގެ ތާއީދު ބޮޑަށް ލިބޭނީ ކޮން ބޭފުޅަކަށް ކަމަށްތޯ ގަބޫލުފުޅު ކުރަނީ؟
އަޅުގަނޑަށް ހީވަނީ 30 އަހަރުގެ ވެރިކަމަކީ ކުރު މުއްދަތެއް ނޫންހެން. 30 އަހަރުގެ ވެރިކަން ހިނގާފަ އޮތީ ކިހިނެއްކަން ނޭނގޭ މީހަކުވެސް މި ރާއްޖޭގަ ނުހުންނާނެ، އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތަކަށް ވީމާ އަޅުގަނޑަށް ގަބޫލުކުރެވެނީ ދިވެހިރައްޔިތުން ހަމަގައިމުވެސް ރައީސް ނަޝީދާ މައުމޫނާ ދެބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ވަރަށް ބޮޑުތަނުން ރައްޔިތުން ބަލައިގަންނާނެހެން.
އެމްޑީޕީގެ ވާހަކަ ތަކާއި ބޮޑެތި ޖަލްސާތައް ބޮޑަށް އަމާޒު މިކުރެވެނީ 30 އަހަރުގެ ވާހަކައަށް. އެއީ އެންމެ ރަނގަޅު ގޮތްތޯ؟
ކުރިއަށްދާން އަޅުގަނޑުމެން ވިސްނާއިރު، ދެން އަބަދުވެސް ދުނިޔޭގެ ކޮންމެތަނެއްގަވެސް ކޮމްޕެއަރ ކުރެވޭނީ މާޒީ. އެގޮތުން 30 ކިޔަނީކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ދެން ދުވަސް ކޮޅެއް ނަގާނެހެން ހީވަނީ ތިރީހުގެ ޓޭޕް ކަނޑައިގެންދާން، އެހެންވީމަ އަދި އެހާ ދުވަހެއް ނުވޭ، ކަންތައްތައް ވެފަހުރިގޮތުން ހަނދާން ނައްތާލަންވެސް ދަތިވަނީހެން ހީވަނީ.
ދެކުނަށް ރާއްޖޭގެ ވެރިކަން ގެންދިއުމަކީ ޒަމާނުއްސުރެ މީހުން ދައްކަމުން އަންނަ ވާހަކައެއް، މިވާހަކަ މަޝްހޫރު ވެފައިވާއިރު މިހާރު އެމްޑީޕީގެ ރައީސްގެ މަޤާމުގައިވެސް އަދި ނައިބު ރައީސްގެ މަޤާމުގައިވެސް އައްޑުއަށް ނިސްބަތްވާ ދެބޭފުޅުން މިތިއްބެވީ މިވާހަކައަށް ކީކޭތޯ ވިދާޅުވަނީ؟
ބޮޑުތިލަދުންމައްޗޭ، ދެކުނޭ، އުތުރޭ، މެދޭ ކިޔައިގެން މިއަދު މިރާއްޖެ ނުވިއްކޭނޭ، އެހެންނަމަވެސް ބަޔަކު ހަތިޔާރެއްގެ ގޮތަށް ބޭނުންކުރާ އެއްޗެއްގެ ގޮތަށް އަޅުގަނޑު ފާހަގަ ކުރަނީ، ނުއަގުގަވެސް ނުވިކޭނެ، ބައެއް ހިސާބުތަކުގަ ހިލޭވެސް ނުވިކޭ އެއްޗެއް، އެކަން އަޅުގަނޑުމެން މިއޮތީ ޕްރޫފް ކޮށްދީފަ، އަޅުގަނޑުމެންގެ އިންތިހާބުގަ ވެސް ވަރަށް ބޮޑަށް ވިއްކަން ހުންނަ އެއްޗެއް، އަޅުގަނޑުމެން އެއާ ޗެލެންޖް ކޮށް ވާހަކަ ދައްކަން ފެށި ހިސާބުންފެށިގެން ހަމަ ފެނަށް ދިޔައީ، ހިލޭވެސް ނުއަގުގަ ވެސް އޭތި ނުވިކިގެންދިޔަ މަންޒަރު ފެނިގެން ގޮސް އަޅުގަނޑުމެން ކަމިޔާބުވެގެން ދިޔައީ، އެކަމުގެ ދިރިހުރި މިސާލެއް އެއީ އަޅުގަނޑު މިމަގާމުގަ ހުރުންވެސް، ވިކުނު ނަމަ އަޅުގަނޑެއް ނޫނެއްނޫންތޯ ހުންނާނީ ވިކުނު އެތި ނޫންތޯ ހުންނާނީ،
މިހާރު ކަންކަން މިހިނގާ ގޮތަށް ބަލާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގަ ރައީސް ނަޝީދަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިކަމަށްތޯ ޑީޑީ ގަބޫލުކުރައްވަނީ؟
މީޑިއާގެ ގޮންޖެހުން ވަރަށް ބޮޑަށް ކުރިމަތިވާނެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަޅުގަނޑުމެން އޮޕޮސިޝަން ޕާޓީގެ ގޮތުގަ އޮތް އިރު އަޅުގަނޑުމެންގެ ފަރާތުން އެއްޗެއް ބުނެލާނެ ޕްރިންޓް މީޑިއާގެ ގޮތުގަ އޮތީ މިނިވަން ނޫސް. އެވަރުވެސް މިއަދު އަޅުގަނޑުމެން އަތުގަ ނެތް.
ރައީސް ނަޝީދު ނަންގަވާފަ އެމްޑީޕީގެ ތެރެއިން ރިޔާސީ އިންތިހާބަކަށް ކުރިމަތިލައްވަން އެންމެ އެކަށީގެންވާ ބޭފުޅަކީ ކޮބައިތޯ؟
ރައީސް ނަޝިދު ނަންގަވާފަ ބާކީ ތިބި ހުރިހާ މެންބަރުންނަކީ އެކަމަށް އެކަށީގެންވާ ބޭފުޅުން، ޝަރުތު ހަމަވާ އެކަށީގެންވާ ކޮންމެ ބޭފުޅަކުވެސް، ދެން އެކަން ނިންމާނީ އާއްމު މެންބަރުން،
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ނަޝީދަށް، ކާމިޔާބު ވެދާނެކަމަށް ގަބޫލުފުޅުކުރެވޭތޯ؟
އަޅުގަނޑަށް ހަމަ ސައްތައިން ސައްތަ ގެރެންޓީ އެބޮތް އަޅުގަނޑުމެން ޓީމެއްގެ ގޮތުގަ މަސައްކަތް ކޮށްގެން 2013 ގެ ބޮޑު މަންޒަރު ރައީސް ނަޝީދަށް ކާމިޔާބު ކުރެއްވޭނެ.
އެމ