19 Jun 2017, 11:24
އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ ސީއީއޯއިންނަށް ވައިޓް ހައުސްގައި ބާއްވާ ސަމިޓަށް ހާޒިރުވުމަށްވުރެން ހާޒިރުނުވުމުން ބޮޑެތި މައްސަލަތަކެއް ނިކުމެދާނެ ކަމަށް ސިލިކޮން ވެލީގައި ވާހަކަ ދެކެވިއްޖެއެވެ.
ސިލިކޮން ވެލީއަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް، އެމަނިކުފާނުގެ މެނިފެސްޓޯއަށް ފާޑުކިޔާ އަދި އެމެރިކާގެ އަދުގެ ސަރުކާރުގެ ވަރަށްގިނަ ޕޮލިސީތަކާ ފާޅުގައި ނުރުހުން ފާޅުކުރާ އިންޑަސްޓްރީއެކެވެ.
ސިލިކަން ވެލީގައި ގާއިމުވެފައިވާ ދުނިޔެއަށް މަޝްހޫރު ޓެކް ކުންފުނިތަކުގެ ތެރެއިން، އެޕަލް އިންކް، މައިކްރޯސޮފްޓް، އެމެޒަން އަދި ގޫގުލްގެ މިލްކުވެރި ކުންފުނި އަލްފަބެޓް އިންކް އިން ވަނީ ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތަކަށް ފިޔަވަޅު އެޅުމުގެ ސިޔާސަތާއި އިމިގްރޭޝަންގެ ސިޔާސަތަށް ވަރަށް ހަރުކަށި އިބާރާތުން ރައްދުދީ އެކަން ކުށްވެރިވެސް ކޮށްފައެވެ.
ނަމަވެސް އެ ކުންފުނިތަކުން ބުނަނީ ވައިޓް ހައުސްގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ބްރެއިންސްޓޯމިންގ" ސަމިޓްގައި އެފަރާތްތަކުން ބައިވެރިވަނީ، ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް އެމީހުންގެ ހުރި ހިތްހަމަ ނުޖެހުންތަށް އެކަށީގެންވާ އުސޫލެއްގެ މަތިން އެންގުމަށެވެ.
އެ ސަމިޓުގައި އިންޓެލް ކޯގެ ޗީފް އެގްޒެކެޓިވް ބްރާއަން ކަރޒަނިޗްގެ އިތުރުން އޮރެކަލް ކޯގެ ކޯ-ސީއީއޯ ސަފްރާ ކަންޓްޒް އަދި ސިސްކޯ ސިސްޓަމްސްގެ ސީއީއޯ ޗަކް ރޮބިންސްވެސް ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.
"މައްސަލައަކަށް ވާނީ މިސަމިޓުގައި ބައިވެރި ނުވުމުން، އޭރުން އަހަރެމެންގެ ހުރި ހިތްހަމަނުޖެހުންތައް އަދި އަހަރެމެން މިކުރަމުންދާ މަސައްކަތަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭނެ" ވައިޓް ހައުސްއާއި އެޕަލް އިންކާއި ދެމެދުގެ ގުޅުމާއި ބެހޭ ގޮތުން މިދިޔަ މެއި މަހު އެޕަލްގެ ސީއީއޯ ޓިމް ކުކް ސީއެންބީސީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
އިޔާދަކުރުވަނިވި ހަކަތައަށް އެންމެ އިސްކަމެއްދޭ އަދި ދުނިޔޭގެ އެންމެ މަޝްހޫރު އިލެކްޓްރިކް ކާރު ތައްޔާރު ކުރާ ކުންފުނި ޓެސްލާ އިންކް އަދި ސްޕޭސް އެކްސްޕްލޮރޭޝަން ޓެކްނޮލޮޖީސް ކޯ ގެ ސީއީއޯ އީލޮންދާދިފަހުން މަސްކްވަނީ އެމެރިކާގެ ރައީސަށް އެކިކަންކަމުގައި ލަފާއަރުވާ ހާއްސަ ކައުންސިލުން ވަކިވެޑައިގެންފައެވެ.
އޭނާ އެ ކައުންސިލުން ވަކިވެވަޑައިގަތް ސަބަބެއްކަމުގައި އަންގަނީ އެމެރިކާގެ ސަރުކާރުން މުސްލިމު ހަ ގައުމަކަށް އެމެރިކާއަށް ނުވަދެވޭގޮތަށް ސިޔާސަތު އެކުލަވާލުމުންނާއި އަދި އޭގެ އިތުރުން ޕެރިސް ކްލައިމެޓް އެކޯޑްއިން ވަކިވުމުގެ ސަބަބުން ކަމަށެވެ.
މަސްދަރު: ވޯލް ސްޓްރީޓް ޖާނަލް