19 Jun 2017, 11:29
ލަންޑަން (ޖޫން 19): އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ފިންސްބަރީ ޕާކް މިސްކިތުން ފޭބި މުސްލިމުންގެ ގައިގައި ވޭނަކުން ޖައްސައިގެން ރޭ ދިން ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހަކަށް އަނިޔާވެއްޖެ އެވެ.
ދި މުސްލިމް ކައުންސިލް އޮފް ބްރިޓެއިން އިން ބުނި ގޮތުގައި އެހަމަލާ ދިނީ އެމީހުން ދަމުނަމާދުން ފޭބި ގަޑީގަ އެވެ.
ަމަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި މަގުމަތީގައި ތިބި މީހުންގެ ގައިގައި ވޭނުން ޖެއްސުމަށް ފަހު، ވޭނުގައި ހުރި މީހާ ވަނީ ވޭނުން ފައިބައިފަ އެވެ. އަދި ފުލުހުން އަންނަން ދެން އެސަރަހައްދުގައި ތިބިި މީހުން ވަނީ އޭނާ ހިފަހައްޓާފަ އެވެ.
ލަންޑަނުގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެހާދިސާއާ ގުޅިގެން ހައްޔަރު ކުރި 48 އަހަރުގެ މީހާ އެންމެ ފުރަތަމަ ގެންދިޔައީ ހޮސްޕިޓަލަށެވެ. އަދި އޭނާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ހައްޔަރު ކުރާނެ ކަމަށާއި ލަންޑަނުގެ ކައުންޓާ ޓެރަރިޒަމް ކޮމާންޑުން ދަނީ މައްސަލަ ބަލަމުން ކަމަށް ވިދާޅުވެފަ އެވެ.
ލަންޑަނުގެ މޭޔަރު ސާދިގު ޚާން ވަނީ އެހަމަލާއަކީ "ކުށެއް ނެތް ލަންޑަނުގެ ރައްޔިތުންނަށް ދިން އަނިޔާވެރި ޓެރަރިސްޓު ހަމަލާއެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި އެހަމަލާއާ ގުޅިގެން ލަންޑަނުގައި ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފުލުހުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)