18 Jun 2017, 23:55
ގްރީން ލޭންޑްއަށް ރޭ އެރި ސުނާމީއެއްގައި އާންމުގެ މުދަލަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
4.1 މެގްނިޓިއުޑްގެ ބިންހެލުމަކަށް ފަހު އެރި ސުނާމީގައި މިހާތަނަށް ހަތަރު މީހަކު މަރުވެފައިވާ ކަމަށް ބައެއް މީޑީއާ ރިޕޯޓުތަކުން ބުނެ އެވެ. އަދި ނުވަ މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން ދެ މީހަކު ތިބީ ސީރިއަސް ހާލަތުގައި ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ބުނެ އެވެ.
ސުނާމީ އެރިއިރު އެން ބޮޑަށް ގެއްލުންވި ގްރީންލޭންޑްގެ ސަހަރެއް ކަމަށްވާ ނުއަގާޓްޝިގައި 101 މީހަކު އުޅުނެވެ. ނަމަވެސް ސުނާމީގައި ލިބުނު ގެއްލުންތަކަށް ފަހު 78 މީހަކު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފަ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެ ސުނާމީގައި 11 ގެއަކަށް ފެންވަދެ އެއްވެސް ގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް ވަނީ ވީރާނާވެފަ އެވެ.
ގްރީންލޭންގެ އެހެން ބައެއް ސަރަހައްދު ތަކަށްވެސް ސުނާމީގައި ގެއްލުން ލިބިފައިވެ އެވެ. އެހެންނަމަވެސް އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ނުއަގާޓްޝިއަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.