16 Jul 2011, 09:11
އިސްތަންބޫލް : ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ފަރާތަކީ އެޤައުމުގެ އިދިކޮޅު އިންތިޤާލީ މަޖިލިސްކަމަށް އެެމެރިކާ އިޢްތިރާފް ވެއްޖެއެވެ.
ތުރުކީގެ އިސްތަންބޫލްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވީ ލީބިޔާގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީގެ ސަރުކާރަކީ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ސަރުކާރެއްކަމަށް އެމެރިކާ ނުދެކޭ ކަމުގައެވެ.
އިސްތަންބޫލްގައި އިއްޔެ ނިމުނު ލީބިޔާގެ މައްސަލަ ޙައްލުކުރުމާބެހޭ ކޮންޓެކްޓް ގްރޫޕް ގެ ބައްދަލުވުމަށްފަހު ދެއްވި ބަޔާނެއްގައި ހިލަރީ ވިދާޅުވީ ލީބިޔާގެ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އުފެދެންދެން ލީބިޔާ ރައްޔިތުން ތަމްޘީލްކުރާ ފަރާތަކީ އެޤައުމުގެ އިދިކޮޅު އިންތިޤާލީ މަޖިލިސް ކަމުގައެވެ. އެހެންކަމުން މިޖަލީހަށް އެމެރިކާ މިހާރު އިޢްތިރާފްވާ ކަމަށާ ގައްޒާފީގެ ސަރުކާރާއެކު އެމެރިކާ ބޭއްވި ގުޅުންތައް މިހާރު ކަނޑާލާފައިވާ ކަމަށް ހިލަރީ ވިދާޅުވިއެވެ.
ހުޅަނގުގެ އެހެން ބާރުތައް ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުންވަނީ ލީބިޔާގެ އިންތިޤާލީ މަޖިލީހަށް އިޢްތިރާފްވެފައެވެ. އެމެރިކާ، މިމަޖިލީހަށް އިޢްތިރާފް ވުމުން އެެމެރިކާގައިވާ ލީބިޔާގެ ފައިސާ އިންތިޤާލީ މަޖިލީހާ ޙަވާލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ.
ގައްޒާފީ ވަނީ ދުނިޔޭގެ ޤައުމުތަކުން އޭނާގެ ސަރުކާރު އެއްފަރާތްކުރުމަށްފަހު އިދިކޮޅު އިންތިޤާލީ މަޖިލީހަށް އިޢްތިރާފްވަމުންދާތީ އެކަން ކުށްވެރިކުރައްވައި ވާހަކަ ދައްކަވާފައެވެ.
އަނެއްކޮޅުން އިންތިޤާލީ މަޖިލީހަށް ނިސްބަތްވާ ލީބިޔާގެ އިދިކޮޅު ހަނގުރާމަވެރިން މިހާރުވަނީ ވެރިރަށް ޓްރިޕޮލީއާ 30 ކިލޯމީޓަރަށް ގާތްވެފައި ކަމަށާއި އެމީހުން މަސައްކަތް ކުރަމުންގެންދަނީ ޓްރިޕޮލީއަށް ޙަމަލާދިނުމަށް ކަމަށް ޢަސްކަރީ ރިޕޯޓްތައްބުނޭ. -- ރޮއިޓާސް