އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ ހޯލްސޭލް އަދި ރީޓެއިލް އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ރަމަޟާން މަހަށް ޚާއްސަކޮށް ރާއްޖެ ގެނައި ފިޔާ، އަލުވި އަދި ބިސް ހޯލްސޭލްކޮށް ވިއްކުމަށް ކަނޑައެޅި އަގުތަކަކީ ފިޔާ ބަސްތާއެއް 170 ރުފިޔާއަށް، އަލުވި ބަސްތާއެއް 220 ރުފިޔާއަށް، އަދި ބިސް ކޭހެއް 270 ރުފިޔާއަށެވެ.

އަދި ފިޔާ ކިލޯއެއް އަށް ރުފިޔާއަށް، އަލުވި ކިލޯއެއް 10 ރުފިޔާއަށް، އަދި ބިހެއް ދޮޅު ރުފިޔާގެ މަގުން ރީޓެއިލްކޮށް ދިޔައީ ވިއްކަމުންނެވެ.

އެސްޓީއޯޢިން މިއަދު ބުނި ގޮތުގައި، މިއަދުން ފެށިގެން މި ހުރިހާ ބާވަތެއްގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ.

އެގޮތުން، ފިޔާ ބަސްތާއެއްގެ އަގު 170 ރުފިޔާއިން 140 ރުފިޔާއަށް ހެޔޮކުރި އިރު، ފިޔާ ކިލޯއެއްގެ އަގު ހަތް ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ.

އަލުވި ބަސްތާއެއް 220 ރުފިޔާއިން 190 ރުފިޔާއަށް އަގު ހެޔޮކުރި އިރު އަލުވި ކިލޯއެއް މިއަދުން ފެށިގެން ވިއްކާނީ ނުވަ ރުފިޔާއަށެވެ. އަދި 270 ރުފިޔާއަށް ވިއްކި ބިސް ކޭހުގެ އަގު ވެސް ވަނީ 260 ރުފިޔާއަށް ހެޔޮކޮށްފަ އެވެ. ނަމަވެސް ބިހުގެ ރީޓެއިލް އަގަކީ އަދިވެސް ދޮޅު ރުފިޔާއެވެ.

އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފައިވާ އިރު، މިއަދު އެކުންފުނިން ވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައެވެ. މިއަދުން ފެށިގެން ޑީސަލް ލީޓަރެއްގެ އަގު 8.95 ރުފިޔާޢިން 8.65 ރުފިޔާއަށް ހެޔޮކޮށްފައިވާ އިރު، ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 8.95 ރުފިޔާއިން 8.65 އަށް ހެޔޮކޮށްފައެވެ.