ހއ. އިހަވަންދޫގައި ދާދި ފަހުން އަނިޔާވެރިގޮތަކަށް މީހަކު މަރާލި ހާދިސާއަށްފަހު އެ ރަށުގައި ދިރިއުޅެމުންދާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެރަށު ކައުންސިލުން ފާސްކޮށްފިއެވެ.

ކައުންސިލުން އެ ފިޔަވަޅުތައް އެޅުމަށް ނިންމީ އިހަވަންދޫގައި ހިންގާ އައިސްޕްލާންޓްގެ މެކޭނިކެއްގް މަގާމުގައި ހުރި ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު މަރާލި ކަމަށް ބަނގުލަދޭޝްގެ ރައްޔިތެއް އިއުތިރާފް ވެފައިވަނިކޮށެވެ.

އިހަވަންދޫ ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ އެ ރަށުގައި ދިރިއުޅެމުންދާ ބިދޭސީންނަށް މައިގަނޑު ހަ ކަމެއް މަނާކޮށްފައެވެ.

އިހަވަންދޫގައި ބިދޭސީންނަށް މަނާކުރި ކަންތައްތައް

  • މަސައްކަތް ކުރުމަށް ކަނޑއަޅާފައިވާ ތަނުގެ ޑިއުޓީ އަދާކުރުމަށް ފިޔަވައި އެއްވެސް ބިދޭސީއަކު ރޭނގަނޑު 10:00 ގެ ފަހުން ބޭރުގައި އުޅުން.

  • ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު 2:00 އިން 5:30 އާ ދެމުދެ ނޫން ވަގުތެއްގައި ރަށުގެ އެއްވެސް ސަރަހައްދެއްގައި ގްރޫޕް ހަދައިގެން އުޅުން.
  • ކައުންސިލްގެ އިހްތިސާސްގައިވާ އެއްވެސް ސަރަހައްދަކުން މަސްވެރިކަން ކުރުން.
  • ރަށުގެ ވަލުތެރެއަށް ވަދެ ކާށި، ދަރު އަދި ފަން ފަދަ އެއްވެސް އެއްޗެއް ހޮވުން.
  • ކުނި އުކާލުމަށް ފިޔަވައި ރަށުގެ ކުނިގޮޑަށް އިތުރު އެއްވެސް ބޭނުމެއްގައި ދިޔުން.
  • ރަށުގައި ބާއްވާ ހަފްލާތަކަށް ދައުވަތު ނުދެނީސް ދިޔުން.

އެ ނިންމުމާ ގުޅޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު 'ސަން' އަށް ވިދާޅުވީ މިއަދު ނިންމި ނިންމުމަށް ސަރުކާރުގެ މުއައްސަސާތަކުން ގެނެސްފައިވާ ބިދޭސީން އަމަލުކުރަން ނުޖެހޭނެ ކަމަށެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އެ ރަށުގައި ދިރިއުޅެމުންދާ ހުރިހާ ބިދޭސީން ވެސް ކައުންސިލްގައި ރަޖިސްޓްރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށުން ފޮނުވާލަން ވެސް ނިންމާފަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އިހަވަންދޫ ކައުންސިލުން ނިންމާފައިވާއިރު އިސްމާއިލް އުމަރުގެ މަރުގެ އިތުރުން 2002 ވަނަ އަހަރު ވެސް އެ ރަށުގައި ވަނީ ބަންގްލަދޭޝް މީހެއްގެ ރަހުމުކުޑަ ހަމަލާތަކެއްގައި އެރަށުގެ 16 އަހަރުގެ އަންހެން ކުއްޖެއް މަރުވެފައެވެ. އެ މައްސަލާގައި ތިން ބިދޭސީއެއް ކުއްވެރިވެ ވަނީ ޖަލަށްލުމަށް ހުކުމްކޮށްފައެވެ.