ޔޫރަޕްގެ ކްލަބްތަކާއި ދެކުނު އެމެރިކާ ކްލަބްތައް ވާދަކުރާ ވޯލްޑް ފުޓްބޯލް ޗެލެންޖް މުބާރާތުގެ ފުރަތަމަ މެޗް އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ. އެމެރިކާ ލީގުގެ ކްލަބެއްކަމަށްވާ ނިއު އިންގްލެންޑްސްއާ ވާދަކޮށް މެންޔުނައިޓެޑް މެޗް ކާމިޔާބުކުރީ 4-1 ންނެވެ. މެޗްގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ.

މިމެޗްގައި މެންޔުނައިޓެޑުން ޖެހި ހަތަރު ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ތިން ކުޅުންތެރިންނެވެ. މި ހަތަރު ލަނޑުން ދެލަނޑު ކާމިޔާބުކޮށްދިނީ ފްރެޑެރިކޯ މަޗޭޑާ އެވެ. ލޯންގެ ދަށުން މިދިޔަ ސީޒަންގައި އިޓަލީގެ ސަމްޕްޑޯރިޔާއަށް ކުޅުނު އިޓަލީގެ ޒުވާން ފޯވަޑް މަޗޭޑާ މިމެޗްގައި ދެލަނޑު ޖެހުމުގެ އިތުރުން މޮޅު ކުޅުމެއް ދައްކާފައިވާކަން ވެސް ފާހަގަކޮށްލެ ވެއެވެ.

މިދިޔަ ސީޒަނަށްފަހު ކުޅުމާއި ދުރުގައިހުރި މައިކަލް އޮވެން ފަހުހާފްގައި ކުޅެން ނުކުމެ ފަސް މިނެޓް ނުވަނީސް ވަނީ ލަނޑެއް ކާމިޔާބުކޮށްދީ މެންޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދީފަ އެވެ.

ދެން ފެނުނީ މަޗޭޑާގެ ދެލަނޑެވެ. އެއީ މެޗްގެ 54 ވަނަ މިނެޓްގައާއި 61 ވަނަ މިނެޓްގައި ކާމިޔާބުކުރި ދެލަނޑެވެ، މެންޗެސްޓަރއިންޖެހި ފަހު ލަނޑު ފެނިފައިވަނީ މެޗްގެ 80 ވަނަ މިނެޓްގައި ޕާކް ޖީ ސުންގްގެ ފަރާތުންނެވެ. ނިއު އިންގެލެންޑްއިންޖެހި ހަމައެކަނި ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ފެނިފައިވަނީ ކެނީ މަންސަލީގެ ފަރާތުންނެވެ.
އެސްޓަން ވިލާއިން މެންޗެސްޓާ ޔުނައިޓެޑާއި އަލަށް ގުޅުނު އޭޝްލީ ޔަންގްވެސް މިމެޗްގެ 67 މިނެޓް ކުޅެފައިވެއެވެ. އެސްޓަން ވިލާގައި ހަތް ނަމްބަރު ޖާޒީގައި މިމެޗްގައި ކުޅެމުންއައި ޔަންގް މެންޔުނައިޓެޑަށް ކުޅެމުންއައީ 18 ނަމްބަރު ޖާޒީގައެވެ.

މިނަތީޖާއާއެކު ފޯވާޑް ލައިންގައި ބައިތިއްބާނެ ކުޅުންތެރިން ނެގުމަށް ކޯޗް ފާގަސަނަށް ފަސޭހަވާނެކަމަށް އެކްލަބްގެ ފޯވާޑް ވޭން ރޫނީ ބުނެފައެވެ.

"ކޮންމެ ފޯވާޑެއްވެސް ޖެހޭނެ އެންމެ މޮޅު ކުޅުމެއްދެއްކޭތޯ މަސައްކަތަކުރަން. މިމެޗަށްފަހު މިހާރު ކޯޗަށް އެނގޭނެ އަންނަ ސީޒަންގައި ސްކޮޑްގައި ހިމަނާނެ ކުޅުންތެރިން." ރޫނީ ބުންޏެވެ.