ހއ. އިހަވަންދޫ އައިސް ޕްލާންޓްގެ އިންޖިނިއަރު ޅ. ހިންނަވަރު އަތިރީގޭ އިސްމާއީލް އުމަރު (އިއްސެ) މަރާލި ކަމަށް އެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ އިއުތިރާފުވެއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްސެގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އުމުރުން 27 އަހަރުގެ ޝުމަންމިއާ އާ ތަހުގީގުން ސުވާލު ކުރުމުން އޭނާ މަރާލި ކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ.

އުމުރުން 54 އަހަރުގެ އިއްސެގެ މަރާ ގުޅިގެން ހައްޔަރުކުރި އަނެއް ހަތަރު ބިދޭސީންނަކީ އޭނާ މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިއްސެއަށް ހަމަލާދިނުމަށް ޝުމޮން މިއާ ބޭނުންކުރި ވަޅި އާއި ހަމަލާދިންއިރު ޝުމަން މިއާ ލައިގެންހުރި އަންނައުނު ފުލުހުން މިހާރު ވަނީ ހޯދާފައި ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ އިއްސެގެ ޚަބަރެއް ނުވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 4:23 ގައި ކަމަށެވެ. އެ މައުލޫމާތު ލިބުމާ އެކު ފުލުހުން ގޮސް އައިސް ފްލާންޓް ޗެކްކުރިއިރު އައިސް ޕްރޮސެސިން ޔުނިޓްގެ ތެރޭގައި ޒަޚަމްތަކަކާއެކު އިއްސެ އޮއްވައި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެއަށްފަހު އިވަންދޫ ސިއްހީ މަރުކަޒަށް އޭނާގެ ހަށިގަނޑު ގެންގޮސް ބެލިއިރު، ހަށިގަނޑުގެ އެކި ތަންތަނަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލާގއި ޝާމިލްވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.