18 Jun 2017, 12:24
ހއ. ހޯރަފުށީގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏަކުން ހުއްދަ ނެތި ޗެނަލްތަކެއް ދެއްކުމުން އެ ކުންފުނި 24،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
ޗެނަލްތަކެއް ރީބްރޯޑްކާސްޓު ކުރުމުގެ ހައްގު ނުހޯދައި ދެއްކުމުން ޖޫރިމަނާ ކޮށްފައިވަނީ، ބިޒްނެޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެކެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އާއްމުކޮށްފައިވާ ޝަކުވާ ނިންމި ގޮތުގެ ބަޔާނުގައި ބުނެފައިވަނީ، ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ހޯރަފުށީގައި ދޭ ޚިދުމަތުގައި އެކި ފަހަރު އެކި ޗެނަލް ހިމަނައިގެން ޚިދުމަތްދޭކަން ހޯރަފުށީ ކައުންސިލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ރީ ބްރޯޑްކާސްޓްކުރާ ޗެނަލްތަކުގެ ލިސްޓެއް އެ ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. އަދި އޭގެތެރޭގައި ހިމެނޭ 12 ޗެނަލަކީ ޗެނަލްތަކުގެ ވެރިފަރާތުން ހުއްދަ ހޯދއިގެން ރީ ބްރޯޑްކާސްޓް ކުރާ ޗެނަލްތަކެއްކަން އެކުންފުންޏަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމިގޮތުގެ ބަޔާނުގައިވެއެވެ.
އެހެންކަމުން އެ 12 ޗެނަލް ރީ ބްރޯޑްކާސްޓް ކުރުން ހުއްޓާލުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ. އަދި ހުއްދަ ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް 2000 ރުފިޔާގެ ރޭޓުން، ޖުމްލަ 24،000 ރުފިޔާ އިން އެ ކުންފުނި ވަނީ ޖޫރިމަނާކޮށްފައެވެ.
ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ދައްކައި ޚަލާސްކުރުމަށް ވެސް ވަނީ އެ ކުންފުންޏަށް އަންގާފައެވެ.
ހުއްދަނެތި ރީ ބްރޯޑްކާސްޓް ކުރި 12 ޗެނަލްތަކުގެ ތެރޭގައި ހިމެނެނީ، ބީފޯޔޫ މޫވީޒް، ސައުދީ ޤުރުއާން، ޒީޓީވީ، ސޫރިޔާ، އެޗްއޯބީ، ސޮނީ މެކްސް، ސޮނީ ޕިކްސް އަދި ޓެން 3 ގެ އިތުރުން ޓެން 1 އާއި ސަހާރާ ވަން އަދި ފްރާންގް އެވެ.